ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމަށްވެސް ފައިދާކުރާނެ ހެޔޮ ބަދަލުތަކެއް ލިބެމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވެވި ސިޓީފުޅެއްގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި އިސްތިގުލާލީ ހަމަހަމަކަމާއި ސަރަހައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ އުދުވާނަކުން ދިފާއުވުމަށް ލިބިދީފައި އޮތް ހައްގާއި ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައި ކަމަށެވެ.

ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި ދެ ގައުމުގެ މަސްލަހަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ވެފައިވާ ވައުދު ރައީސް ތަކުރާރު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދެ ގައުމުގެ މެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މި ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަން ރައީސް އެ ސިޓީގައި ފާހަގަކުރައްވިއެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.