ރާއްޖޭން ސައުދީ އަރަބިއްޔާއާ އެކު ވިޔަފާރި އާއި އިގުތިސޯދު ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ކޮމާސް މިނިސްޓަރު އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑު މެންބަރު ޑރ. މާޖިދު ބިން އަބުދުﷲ އަލްގަސަބީއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރު ސައީދު ރިޔާދަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހަރުދަނާވެ، ބޯޑަރު ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމެންޓްތައް އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރި އާއި ފަތުރުވެރިކަމާއި އިމާރާތް ކުރުންފަދަ މުހިންމު ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ގާއިމް ކުރެވިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުރާސްތާ އިގުތިސޯދީ ވިސްނުންފުޅު ހާސިލުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.