ޗައިލްޑްހުޑް ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ދިރާގާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އާ ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ ސީއެސްއެމްއާ ގުޅިގެން ޗައިލްޑްހުޑް ކެންސަރަަށް ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޗައިލްޑްހުޑް ކެންސަރާ ބެހޭ އެނިމޭޓެޑް ލަވަތަކާއި، ޗައިލްޑްހުޑް ކެންސަރުގެ އަލާމަތްތަކުގެ މައުލޫމާތު ދިނުމާއި، ޑޮކްޓަރުން މެދުވެރިކޮށް ޗައިލްޑްހުޑް ކެންސަރަށް ބޭނުންވާ މައުލޫމާތު ހިމެނޭ ވީޑިއޯތައް އަދި ޗައިލްޑްހުޑް ކެންސާ ސަވައިވާސްގެ ވާހަކަތައް ގެނެސްދޭނެ ކަމަށެވެ.

އެ މައުލޫމާތުތައް ހިމެނޭ ޓޫލްކިޓް ވަނީ ކެންސާ ސޮސައިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗުކޮށްފައި ކަމަށް ދިރާގުން ބުންޏެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީ އަދި ޔުނިސެފް މޯލްޑިވްސްއިން ވެސް ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.

ޓޫލް ކިޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވެއިރިޔާ ސައީދު، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު، ޔުނިސެފް މޯލްޑިވްސްގެގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް އިސީ ފައިންގޮލްޑް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް ދިރާގުން ބުންޏެވެ.

"ޓޫލް ކިޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވަނީ އަވަހަށް ކެންސަރު ދެނެގަތުމާއި ޗައިލްޑްހުޑް ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައިފައި،" ދިރާގުން ބުންޏެވެ.

ޗައިލްޑްހުޑް ކެންސަރުގެ ކޭސްތައް އެންމެ ގިނައީ އޭޝިއާ ބައްރުގައި ކަމަށާއި ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން ހަތަރެއް ނުވަތަ ފަސް ޕަސަންޓަކީ ޗައިލްޑްހުޑް ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ކަމަށް ކެންސާ ސޮސައިޓީއާ ހަވާލާދީ ދިރާގުން ބުންޏެވެ.

"ކުރީ ބައިގައި ކެންސަރު ދެނަގަތުމާއި ބެލެނިވެރިންނާއި، އެހީތެރިން ހޭލުންތެރިކޮށް، ޗައިލްޑްހުޑް ކެންސަރާ ބެހޭ މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް. ކުރީ ބައިގައި ޗައިލްޑްހުޑް ކެންސަރު ދެނެގަނެވިއްޖެނަމަ ފަރުވާ ކާމިޔާބުވެދާނެ،" ދިރާގުން ބުންޏެވެ.

ކެންސަރަށް މީހުން ހޭލުންތެރިކުރުމަށާއި ކެންސަރާ ދެކޮޅަށް، ކެންސާ ސޮސައިޓީން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ދިރާގުން ބުންޏެވެ.

"ދިރާގުގެ ސީއެސްއާރުގެ ދަށުން މިފަދަ ޕްރޮގްރާމްތަކަށް އަބަދުވެސް އެހީވުމަށް އިސްކަންދޭނެ،" ދިރާގުން ބުންޏެވެ.

ޗައިލްޑްހުޑް ކެންސަރަކީ 14 އަހަރުންދަށުގެ ކުދިންނަށް ޖެހޭ ކެންސަރެވެ. ކުޑަކުދިން އާންމުކޮށް ކުރިމަތިލާން ޖެހޭ ކެންސަރުތަކުގެ ތެރޭގައި ލޭގެ ކެންސަރާއި ސިކުނޑީގެ ޓިއުމަރު ހިމެނެއެވެ.