ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްދިޔަ 15 ވަނަ ގައުމީ އޯޕަން ވޯޓާ ފެތުމުގެ އިވެންޓުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް އަދި އަޔާނާ އަރީފް ހޯދައިފިއެވެ.

މިއަހަރުގެ އޯޕަން ވޯޓާ ސްވިމިން މުބާރާތުގައި ޖުމުލަ 240 ފެތުންތެރިން ވަނީ ވާދަކޮށްފައެވެ. މުބާރާތުގައި ފަސް ކިލޯމީޓަރުގެ ގައުމީ ޗެމްޕިއަންޝިޕާއެކު ތިން ކިލޯ މީޓަރުގެ ޖޫނިއާ ގައުމީ ޗެމްޕިއަންޝިޕްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން އެއް ކިލޯމީޓަރުގެ ފެތުމުގެ އިވެންޓަކާއި 0.5 ކިލޯމީޓަރުގެ ކިޑްސް ސްވިމިން ޗެލެންޖެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފަސް ކިލޯމީޓަރުގެ އަންހެން ގައުމީ ޗެމްޕިއަންކަން އަޔާނާ ހޯދި އިރު، އެ އިވެންޓުގެ ރަނަރަޕަކީ އައިޝަތު އެލީނާ ޝާހިދެވެ. އަދި އިވެންޓުގެ ތިންވަނައަކީ ލައިބާ ހަސަން މަނިކެވެ. ފިރިހެން އިވެންޓުގެ އެއްވަނަ ރިހާން ހޯދި އިރު، ދެވަނަ ހޯދީ ޔާސީން މުހައްމަދު ޔޫސުފެވެ. ތިންވަނަ އަކީ މުބާލް އައްޒާމް އިބްރާހީމެވެ.

ޖޫނިއާ ތިން ކިލޯ މީޓަރުގެ ފިރިހެން ޗެމްޕިއަނަކީ ދަނިއަލް އަމީން ފައިސަލްއެވެ. އަންހެން ޗެމްޕިއަނަކީ ޒޯހާ އަޒްލީ ނަސީމެވެ. ފިރިހެން ދެވަނަ އިބްރާހީމް ޖޫޑު ހުސައިން ހޯދި އިރު، އަންހެން ޑިިވިޝަންގެ ދެވަނައަކީ ޒަހާ ޒައިދުލް ހަލީލެވެ. ފިރިހެން ޑިވިޝަންގެ ތިންވަނަ ޒާކިން އަޝްރަފް ހޯދި އިރު، އަންހެން ތިންވަނަ ހޯދީ މަރިޔަމް މައިސަމް ނިޔާޒެވެ.