އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ރާއްޖޭގެ ވަފްދު ޖަލްސާ ދޫކޮށް ނުކުމެއްޖެއެވެ.

ނަތަންޔާހޫ އ.ދ ގައި ތަގުރީރު ދޭން ފެށުމުން ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުން ހޯލް ދޫކޮށް ނުކުތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން ޖަލްސާ ދޫކޮށް ރާއްޖޭގެ ވަފުދު ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފަ އެވެ.

އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.