އދ. ގެ ސަލާމަތީ މަޖިލީހުގައި ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަކީ ރާއްޖޭގެ ގަދަރު އުފުލައިދެއްވި، ދިވެހިންގެ އަޑަކީ އަގެއްހުރި އަޑެއްކަން ސާބިތު ކޮށްދެއްވައި، ދުނިޔެ އާއި ބައިނަލްއަގުވާމީ މަސްރަހާ މެދު ދިވެހިންގެ އަމިއްލަ ވިސްނުންތަކާއި ފިކުރުތަކެއް ގެންގުޅޭކަން މުޅި ދުނިޔެއަށް ހާމަކޮށްދެއްވި ތަގުރީރެއް ކަމަށް އެމަނިކުފާނުގެ ޕާޓީ، ޕީއެންސީން ބުނެފިއެވެ.
ރައީސްގެ ތަގުރީރަށް މަރުހަބާ ކިޔައި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިއާޔަތް ކުރައްވައި، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަގުވާމީ ނިޒާމަކީ ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެފައިވާ ނިޒާމެއްކަން ކަށަވަރުކުރަން އަޅަން ޖެހިފައިވާ އިސްލާހީ ފިޔަވަޅުތައް ރައީސްގެ ތަގުރީރުގައި ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އދ. ގެ މެންބަރު ގައުމުތަކުގެ ފަސްބައިކުޅަ އެއްބަޔަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައްކަން ފާހަގަކުރައްވައި، އެ ގައުމުތަކަށް އދ. ގެ ސަލާމަތީ މަޖިލީހުން ދާއިމީ ޖާގައެއް ހައްގުވާކަން ރައީސް ފާހަގަކުރެއްވުމަކީ، ބައިނަލްއަގުވާމީ ނިޒާމަކީ މިހާރަށްވުރެ އަދުލުވެރި، ޑިމޮކްރެޓިކް އަދި ހަމަހަމަކަމާއެކު ބައިނަލްއަގުވާމީ މުޖުތަމައު ތަމްސީލުވަނިވި ނިޒާމަކަށް ހެއްދެވުމަށް ހުށަހެޅުއްވި މުހިއްމު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މުޅި ދުނިޔެއަށް ފެންނާނެހެން އިސްރާއީލުން ފަލަސްތީނަށާއި ލުބުނާނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ އނަިޔާވެރި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދުނިޔެ ރޮއި އާދޭސްކުރާ އިރު، އެ އަމަލުތައް ހުއްޓުވުމުގައި އދ. ފެއިލްވާ ސަބަބަކީ ސަލާމަތީ މަޖިލީހުގައި މަދު ދައުލަތްތަކަކަށް ލިބިފައިވާ ވީޓޯ އިމްތިޔާޒުކަން ފާހަގަކުރައްވަމުން، އެ އިމްތިޔާޒު އުވައިލުމަށް ރައީސް ގޮވައިލެއްވުމަކީ، ދުނިޔޭގެ މިއަދުގެ އިހުސާސް އަދި ހާއްސަކޮށް އިސްލާމީ އުއްމަތުގެ އިހުސާސާއި ދިވެހީންގެ ހިތްތަކުގެ ހިމަނާރުގައި ޖަހަމުންދާ ވިންދުގެ އެޑު،"
އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކުގެ އަޑު ސަލާމަތީ މަޖިލީހުގައި އެމަނިކުފާނު އިއްވަވައިދެއްވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް އަދި ދިވެހި ދައުލަތުގެ އިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެންދިޔަ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
"މޫސުމީ ބަދަލުތަކާއި ގުދުރަތީ ވަސީލަތްތައް މަދުވުމާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއެކު، ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އުފެދެމުންދާ މުޅިން އާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ސަލާމަތީ މަޖިލީހުގެ ވިސްނުމަށް ގެންނަންވީ ބަދަލުތައް ފާހަގަކުރައްވަމުން، މިހާރަށް ޑިމޮކްރެޓިކް ގުނަވަނަކަށް އެ މަޖިލިސް ހަދައި، ދުނިޔޭގެ ރައްޔިތުންގެ އަޑު އަހައި، އެ އަޑަށް އިހުތިރާމުކުރާ ތަނަކަށް ސަލާމަތީ މަޖިލިސް ހެދުމަށް ރައީސް ކުރެއްވި އިލްތިމާސުން، ރާއްޖެއަކީ ދުނިޔޭގެ އާޖުފާޖު އެނގޭ، ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކަށް ހޭލާއޮތް، އާ ގޮންޖެހުންތަކާއި ހިރާސްތައް ގިރާ ކުރުމަށް ބޭނުންވާ އިޖާދީ ހައްލުތައް ހުށަހެޅުމުގެ ގާބިލުކަން ލިބިފައިވާ ދައުލަތެއްކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދެއްވި،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު