ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އެޖެންޓުކުރަން ކުރެވޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމުގެ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދެއްގެ އެޖެންޓްކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހިން ތިބޭ ކުންފުނިތަކަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ޕާޓްނަރުންގެ ގޮތުގައި އެހެން ޕާޓްނާޝިޕެއް ނުވަތަ ސޯލް ޕްރޮޕްރިއޭޓާޝިޕެއް ހިމެނޭ ނަމަ އެ ޕާޓްނަޝިޕެއް ނުވަތަ ސޯލް ޕްރޮޕްރިއޭޓާޝިޕްގެ ބައިވެރީންގެ ގޮތުގައިވެސް ތިބެން ޖެހޭނީ ދިވެހިން ކަމަށް ބަަޔާންކޮށްފައިވެއެވެ.
އިސްލާހުގައި އިތުރަށް ބުނީ، ބޭރުން އަންނަ އުޅަނދުގެ ފަޅުވެރިންނާއި ޕަސިންޖަރުން އެކްސްކާޝަންތަކަށް ދާއިރު އެކަމުގައި އެ މީހުންގެ އިތުރުން ބައިވެރިވެވޭނީ ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓުއާގައިޑުންނަށް ކަމަށެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި 75 މީޓަރަށްވުރެ ދިގު 100 މީޓަރަށްވުރެ ކުރު އުޅަނދުތަކުން ލައިސަންސް ފީއަށް ދުވާލަކު 650 ޑޮލަރު ދައްކަންޖެހެއެވެ. އަދި 100 މީޓަރަށް ވުރެ ދިގު، ކްރޫޒްލައިނާ ނޫން އުޅަނދުތަކަށް ވަކި ކެޓަގަރީއެއް ހަދައި އެ ކެޓަގަރީއަށް ދުވާލަކު 750 ޑޮލަރު ދައްކަންޖެހޭ ގޮތަށް ވަނީ ހަދައިފައެވެ. މީގެ ކުރިން އޮތް ގޮތުން ދިގުމިން 75 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުތަކުން ޕެސެންޖާ ލައިސަންސް ފީއެއްގެ ގޮތުގައި ނަގަނީ ދުވާލަކަށް 700 ޑޮލަރެވެ.
މީގެ އިތުރުން 20 މީޓަރު ނުވަތަ އެއަށްވުރެ ކުދި އުޅަނދުތަކަށް ލައިސަންސް ފީގެ ގޮތުގައި ނަގާނީ ދުވާލަކަށް 100 ޑޮލަރެވެ. އަދި 20 މީޓަރަށް ވުރެ ބޮޑު އަދި 35 މީޓަރަށް ވުރެ ކުދި އުޅަނދުތަކުން ދުވާލަކަށް 250 ޑޮލަރު ނަގާއިރު، 35 މީޓަރަށްވުރެ ބޮޑު އަދި 45 މީޓަރަށްވުރެ ކުދި އުޅަނދުތަކުން ނަގާނީ ދުވާލަކަށް 400 ޑޮލަރެވެ.
ގަވާއިދުގައިވާ ގޮތުގައި 45 މީޓަރަށް ވުރެ ބޮޑު އަދި 75 މީޓަރަށް ވުރެ ކުދި އުޅަނދުތަކުން ލައިސަންސް ފީގެ ގޮތުގައި ދުވާލަކަށް ނަގަނީ 550 ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު