ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދީ ދަރިވަރުން ދިހަ ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހު ހައެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދިރާސީ އާ އަހަރު ފަށާފައިވަނީ 96،000 ދަރިވަރުންނާ އެކުގައެވެ. އެ ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ. އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަނީ މާލޭ ސަރަހައްދުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ދިރާސީ އާ އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް އަލަށް 2،250 ދަރިވަރުން ވައްދާފައިވާ އިރު، މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން 2،081 ދަރިވަރުން ހުށަހަޅާފައިވެއެވެ. އަދި ދިރާސީ އާ އަހަރަށް އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުވެފައިވާއިރު، މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ވަނީ ބަދަލުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި، ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 އެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 ކަމަށެވެ.
މި ދިރާސީ އަހަރުގައި ސަރުކާރުގެ 162 ސްކޫލެއް އެއް ދަންފަޅިއަކަށް ކިޔަވައިދޭ އިރު، 52 ސްކޫލެއް ދެ ދަންފަޅިއަކަށް ކިޔަވައިދެއެވެ. އަދި ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ. ސެޓެލައިޓްކޮށް ކިޔަވައިދޭ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު