ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މިއަދު ބުނީ އަންނަ މަހުގެ 25 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުން ފަށާ ޑީއެމްއާރުއާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާ ހަވީރު 4:00 ގެ ކުރިން ރަޖިސްޓަރީވުމަށް އެދޭ ކަމަށެވެ.
މިފަހަރުގެ ޑީއެމްއާރުއާރުގައި މުޅިން އާ ކެޓަގަރީއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެއީ އޮފީސް/ރިސޯޓް، 5K ޓީމު އިވެންޓް ކެޓަގަރީއެވެ.
ދިރާގުން ބުނީ އެ އާ ކެޓަގަރީ ތައާރަފުކުރުމުގެ މަގުސަދަކީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އަލަށް ތައާރަފުކުރި އޮފީސް/ރިސޯޓް ކެޓަގަރީއާއެކު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށާއި މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށްވެސް ޑީއެމްއާރުއާރު 2024 ގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމުތައް އެކުލަވާލައި ރަޖިސްޓާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ޓީމެއްގެ ގޮތުގައި ރަޖިސްޓާކުރާ އިރު، ކޮންމެ މެމްބަރެއްގެ ރަޖިސްޓްރޭޝަން ފީއަކީ 250 ރުފިޔާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް އަދި ޑީއެމްއާރުއާރު 2024 އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް www.dmrr.mv އަށް ޒިޔާރަތްކުރުމަށް އެދޭ ކަމަށެވެ.
އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމުލަ ވަގުތަށް ބަލާފައި ކަމަށާއި އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ބުންޏެވެ.
- ޗެމްޕިއަން ޓީމު: 10،000 ރުފިޔާ
- ރަނަރަޕް ޓީމު: 8000 ރުފިޔާ
- ދެވަނަ ރަނަރަޕް ޓީމު: 6000 ރުފިޔާ
ޓީމުތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް އެ ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް އެ ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރި ނުވެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ޑީއެމްއާރުއާރު އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެގޮތުން މިއަހަރުގެ ރޭހަކީ މި ރޭހުގެ 15 ވަނަ އެޑިޝަނެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރުއާރު 2024 އަކީވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެ އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު