ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސީޝަލް ވައިރަސް (އާރްއެސްވީ) ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ކުޑަކުދިންގެ ތެރޭގައި އާރްއެސްވީ ބަލި ޖެހޭ މިންވަރު އިތުރުވެފައިވާތީ، އެކަން ގާތުން ބަލަމުންދާ ކަމަށެވެ.

އާރްއެސްވީގައި އާންމުކޮށް ދިމާވާނީ އާދައިގެ ރޯގާގެ އަލާމާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ އޭގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ އެ ބަލި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ރަނގަޅަށް އަތް ދޮވުމަށާއި ކިނބިހި އަޅައި ކެއްސާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށާއި ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށް އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ހާލު ގޯސްވުމުގެ ފުރުސަތު އޮވެއެވެ.