އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުން ސާބިތުކޮށްދެނީ ރާއްޖެއަކީ ކުޑަ ނަމަވެސް، ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި، އެހެން ދައުލަތްތަކުގެ ކުރިމަތީ ހައްގުބަސް ބުނަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ.

އެ ޖަލްސާގައި ރައީސް ދެއްވި ތަގުރީރުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ގިނަ މައްސަލަތަކެއްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކައިފައެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި ރައީސް ވަނީ އެ މައްސަލައިގައި އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.

ރައީސްގެ ތަގުރީރުގައި، ރާއްޖެ ފަދަ ގައުމުތަކަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ލިބޭ ގެއްލުންތަކާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ރާއްޖޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

ރައީސްގެ ތަގުރީރާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލްސާގައި ރައީސް ދެއްވި ފުރިހަމަ ތަގުރީރާ މެދު އެ ޕާޓީން ފަހުރުވެރިވާ ކަމަށާއި އެ ތަގުރީރަކީ ރާއްޖެއާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި ގެންގުޅުއްވާ ވަށާޖެހޭ ތަސައްވުރާއި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި މިހާރުން މިހާރަށް ގެންނަން ޖެހިފައި ހުރި ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުއްވާލައްވާފައިވާ ވަރަށް ޝާމިލު ތަގުރީރެއް ކަމަށެވެ.

"މިރޭ އެމަނިކުފާނު ދެއްވި ތަގުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް، ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި، ހައްގު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަގުރީރެކެވެ..،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ބުނީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ ތާރީހީ މުނާސަބާ އިހުތިފާލުކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފެހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް މިރޭ އިއުލާންކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ހަބަރެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ އިގުތިސާދަކީ ވިލުންތެރި އިގުތިސާދަކަށް ބަދަލުކުރެއްވުމަށް އައު ސިނާއަތްތައް ތައާރަފުކުރެއްވުމަށް މާލީ ހިދުމަތްތަކުގެ ދާއިރާ ފުޅާކުރެއްވުމަށް ޑިވެލޮޕްމަންޓް ބޭންކު ގާއިމުކުރެއްވުމާއެކު އެންމެންނަށް ހަމަހަމަކަމާއެކު ފުރުސަތު ލިބޭ އިގުތިސާދެއް ބިނާކުރައްވަން ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ތަސައްވުރާއި، ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިއުލާންކުރެއްވުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމުގައި ފާހަގަކުރަމެވެ..،" ޕީއެންސީން ބުންޏެވެ.

ޕީއެންސީން އިތުރަށް ބުނީ މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްތީނު މައްސަލައިގައި ސާފު ސަރީހަކޮށް އިސްރާއީލުން ހިންގަމުންދަނީ ޓެރިރިޒަމްގެ އަމަލެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފްސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ މުއާހަދާތަކާ ހިލާފު އެ އަމަލުތަކާ މެދު އިސްރާއީލު ޖަވާބުދާރީކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާ މެދު ފަހުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލުފުޅެއް ކަމަށެވެ.