އަނިޔާވެރި އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ފުޓުބޯޅަ މުބާރާތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށްބުނެ އިސްރާއީލުން ހަމައެއް ލަމައެއް ނެތި ލުބުނާނުގެ ދެކުނަށް ދަނީ ހަމަލާތައް ދެމުންނެވެ. އިއްޔެވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާ އިރު، އެ ހަމަލާތަކުގައި 558 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދީންވެސް ހިމެނެއެވެ. އޭގެ އިތުރުން 1835 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އިދާރާތަކުން ބުނެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކާއެކު އެ ސަރަހައްދު ދޫކޮށް އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާންވެސް މިހާރު ވަނީ ފަށައިފައެވެ. އަދި ހަމަލާތައް އިތުރުވަމުންދާނަމަ، ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރާވެސް މިހާރު ވަނީ ކުރިމަތިވެފައެވެ.
އެ ހާލަތަށް ދިޔުމާއެކު ލުބުނާންގެ ފުޓުބޯޅަ އިދާރާގެ އެކްސްކޯ ބައްދަލުވުމަކުން ނިންމާފައި ވަނީ މިހާރު ކުރިއަށްދާ ލެބަނީސް ޕްރިމިއާ ލީގުގެ އިތުރުން އެހެން ފުޓުބޯޅަ މުބާރާތްތަކުގެ މެޗުތައްވެސް މަޑުޖައްސާލުމަށެވެ. ލުބުނާނުގެ ލީގު މިދިޔަ ހަފުތާގައި ފެށުމަށްފަހު އެހާ އަވަސްކޮށް މަޑުޖައްސާލަން ޖެހުމަކީ ފީފާގެ ސަމާލުކަމަށްވެސް އެކަން ގެންނަން ޖެހޭ ފަދަ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ފީފާއިން ރަޝިއާއަށް ހަނގުރާމައިގެ ސަބަބުން އަދަބު ދިން ނަމަވެސް، އިސްރާއީލަށް އަދަބު ދޭން އަދިވެސް އިސްނަގާފައެއް ނުވެއެވެ. ފަލަސްތީނުން ވަނީ މިހާރު ފީފާގެ ކިބައިން އިސްރާއީލް ފުޓުބޯޅައިން ބޭން ކުރުމަށްވެސް އެދިފައެވެ. އެހެން ނަމަވެސް ފީފާއިން އަދި އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ލުބުނާނުގައި އޮތް ހާލަތުން ގައުމީ ޓީމުގެ ހޯމް މެޗުތައް ގައުމުން ބޭރުގައި ކުޅޭތާ މިހާރު ވަނީ އަހަރެއްހާ ދުވަސް ވެފައެވެ. އެގައުމުގެ ހޯމް ލެގުގެ ކޮލިފިކޭޝަން މެޗުތައް މިހާރު ކުޅެނީ ގަތަރާއި ޔޫއޭއީގައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު