ގާނޫނާ ހިލާފަށް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގައި އެފަރާތްތަކުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެމްޑީޕީގެ ހެލްޕްލައިން އީމެއިލް [email protected] ނުވަތަ ވައިބާ ނަންބަރު 7341637 އަށް ވަޒީފާއާ ގުޅޭ އެންމެހާ މައުލޫމާތު ފޮނުވުމަށް އެޕާޓީން ވަނީ އެދިފައެވެ.

ގާނޫނާ ހިލާފަށް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ގާނޫނާ ހިލާފަށް ވަކި ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

އަދި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާއިން ވަކިކޮށް، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން އައްޔަނުކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ފެނަކައިގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުންތަކެއް ވަކި ކުރުމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ ބަޔަކު ވަޒީފާތަކުން ވަކި ކުރުމަށްފަހު، ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންދާ ކަމަށާއި އެކަމުންވެސް ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމަށެވެ.

އަދި ސިޔާސީ ބާރުވެރިކަން އިތުރުކުރަން ވަޒީފާގެ ބިރު ދައްކައިގެން ނުވާނެ ކަމަށާއި ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދިނުމަށް މަސައްކަތްތަކެއްކޮށް އެމަގުން ކަންކަން ކުރިކަން ރައްޔިތުންނަށް އަންގައިދިނުމަކީ ސަރުކާރުގެ ޒިންމާގެ އެންމެ ކުޑަ މިންވަރު ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.