ސެނެގަލްގެ އައްސޭރިފަށުން މަރުވެ ކުނިވެފައި އޮތް 30 މީހުންނާއެކު ބޯޓެއް ފެނިއްޖެއެވެ.

ސެނެގަލް ގެ މިލިޓަރީން ވަނީ ވެރިރަށް ޑަކާގެ 70 ކިލޯމީޓަރު ދުރުން އޮޔާ ދަނިކޮށް ފެނިފައިވާ އެ ބޯޓަކީ ލަކުޑި ބޯޓެއް ކަމަށާއި އެ ބޯޓުން ފެނުނު 30 މީހުންގެ ހަށިގަނޑު ވަނީ ކުނިވެފައި ކަމަށް ބުނެފައެވެ.

ހަށިތައް ކުނިވެފައި ވުމުގެ ސަބަބުން އެ މީހުން ދެނެގަތުމަށާއި އެހެން ތަނަކަށް ބަދަލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް މިލިޓަރީން ބުނެފައިވެއެވެ.

ދާދި ފަހުން ސެނަގަލް އިން ސްޕެއިންގެ ކެނަރީ އައިލެންޑަށް ބަޔަކު ރެފިއުޖީންގެ ގޮތުގައި ދަތުރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ސެނަގަލް އިން ފެނުނު މީހުންނާއި އެމީހުންނާ ގުޅުމެއް ވާކަމެއް ކަށަވަރުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެނެގަލްގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ވަނީ ތަހުގީގެއް ފަށައި އެކަމުގެ ހަގީގަތް ހޯދަން ފަށާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.