ޔޫރަޕްގެ ގައުމުތަކުން ހޮވާލެވޭ މޮޅެތި ޓެނިސް ކުޅުންތެރިންނާއި ދުނިޔޭގެ އެހެން ބައްރުތަކަށް ނިސްބަތްވާ ގައުމުތަކުގެ މޮޅެތި ޓެނިސް ކުޅުންތެރިންނާ ދެމެދު ކުޅެވޭ ލޭވާ ކަޕް، ޔޫރަޕްގެ ޓެނިސް ކުޅުންތެރިން ހިމެނޭ ޓީމުން ކާމިޔާބު ކޮށްފިއެވެ.

އެންމެފުރަތަމަ ލޭވާ ކަޕް ކުޅެފައި ވަނީ 2017 ވަނަ އަހަރުއެވެ. މިހާތަނަށް ލޭވާ ކަޕްގެ ހަތް މުބާރާތެއް ބާއްވާފައިވާ އިރު، އޭގެ ތެރެއިން ފަސް މުބާރާތެއް ކާމިޔާބުކޮށްފައި ވަނީ ޔޫރަޕްގެ ޓީމުންނެވެ. ކޮންމެ ޓީމެއްގައިވެސް ޖުމުލަ 10 ކުޅުންތެރިން ހިމެނޭ ގޮތަށް ލޭވާ ކަޕް ރާވާފައިވާ އިރު، މުބާރާތުގެ މެޗުތައް ވަނީ ތިން ދުވަހަށް ދެމިގެން ގޮސްފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި މިއަހަރު ލޭވާ ކަޕްގެ ފުރަތަމަ ދެ ދުވަސް ނިމުނުއިރުވެސް ޔޫރަޕް ޓީމް އޮތީ ދުނިޔެއިން ހޮވާލެވުނު ޓީމަށްވުރެ ފަހަތުގައެވެ. މުބާރާތް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ހަދާފައިވާ އުސޫލުގެ ދަށުން ފަހު ދުވަހުގެ މެޗުތަކަށް އިތުރު ތިން ޕޮއިންޓް ލިބޭ އިރު، ޔޫރަޕް ޓީމުން މުބާރާތް ކާމިޔާބުކުރީ ފަހަތުން އަރައި، 13-11 އިންނެވެ. ފުރަތަމަ ދެ ދުވަހު ނިމުނު އިރު، ޔޫރަޕް ޓީމު ފަހަތުގައި އޮތީ 11-7 އިންނެވެ.

ފަހަތުން އަރައި މުބާރާތް ކާމިޔާބުކުރުމުގައި ޔޫރަޕަށް އެންމެ ބޮޑު ރޯލެއް އަދާކޮށްދިނީ މުޅިން އަލަށް ލޭވާ ކަޕްގައި ކުޅުނު ދުނިޔޭގެ ތިން ނަމްބަރު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ކާލޮސް އަލްކަރާޒެވެ. އޭނާ ވަނީ އިއްޔެ ނަތީޖާ ނެރެން ކުޅުނު މެޗުގައި ސީދާ ދެ ސެޓުން އެމެރިކާގެ ޓެއިލާ ފްރިޓްޒް ބަލިކޮށްފައެވެ. އެއީ 6-2 އަދި 7-5 އިންނެވެ.

އޭގެ އިތުރުން އިއްޔެ ޖަރުމަނުގެ އެލެކްސެންޑްރާ ޒްވެރޭވް ވަނީ އެމެރިކާގެ ފްރާންސެސް ޓިއަފޮއޭ ބަލިކޮށް، މުހިއްމު ތިން ޕޮއިންޓަކާއެކު ނަތީޖާގެ ފަރަގު ޔޫރަޕް ޓީމަށް ކުޑަކޮށްދީފައެވެ.

އިއްޔެގެ އެންމެފަހު މެޗަށްފަހު އަލްކަރާޒް ބުނީ ޔޫރަޕް ޓީމުން މުބާރާތަށް ނުކުތީ މޮޅުވާން އަޒުމެއް ކަނޑައަޅައިގެން ކަމަށެވެ. އަދި ޔޫރަޕް ޓީމަށް އުނދަގުލުން ކާމިޔާބު ހޯދުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށްވެސް އަލްކަރާޒް ފާހަގަކޮށްފައިވެއެވެ.