ޑިޖިޓަލް އިކޮނޮމީގައި ޒުވާނުން ބައިވެރިކޮށް ބާރުވެރިކުރުވުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިހާރު ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ: އިންޓަރެކްޓިވް ޑައިލޮގް 3: ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ: ސްޓްރެތެނިން އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯއޮޕަރޭޝަން ޓު ބުރިޖު އަދި ޑިޖިޓަލް ޑިވައިޑަސް" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުން ޑިޖިޓަލް އިކޮނޮމީގައި ބައިވެރިވުމަށް ބާރު އެޅުން މުހިންމު ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގައި މިހާރު ވަނީ ޑިޖިޓަލް ހުނަރުތަކާއި ޑިޖިޓަލް އުފެއްދުންތަކަށް އިންވެސްޓްކުރަން ފަށައި، ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ދަނީ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓްޕްރައިސަސް (އެމްއެސްއެމްއީ) އަދި ފްރީލާންސްކޮށް މަަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ މާކެޓުތަކުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އެކަމުގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ބައިވެރިވުމަށް ޒުވާނުން ޝައުގުވެރިވާނެ ކަމަށް. އަޅުގަނޑުމެން އެބަޖެހޭ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރަން،" ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީއާއި ޑިޖިޓަލް އިނޮވޭޝަނަކީ 2030 ވަނަ އަހަރު ހާސިލުކުރަން އަމާޒު ހިފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް އަމާޒުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލުވުމަށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ހައި ސްޕީޑް އިންޓަނެޓް ލިބެން ހުރުމާއި ޑިޖިޓަލް ހިދުމަތްތަކަށް އަދި ވަސީލަތްތައް ފަސޭހައިން ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމަކީ އެ އަމާޒަށް ވާސިލުވުމަށް ކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ.

އެގޮތުން އެފަދަ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް އިންވެސްޓުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާޓިފިޝަލް އިންޓެލިޖެންސް މިއަދު މިވަނީ ވަރަށް ބޮޑަށް ކުރިއަރައިފައި، އެއާ އެއްވަރަށް ކުރިއެރުމަށް ތަޖުރިބާކާރުންނަށް ވެސް ދަތިތަކެއް ކުރިމަތި އެބަވޭ. ހަގީގަތަކީ ދުނިޔޭގެ ތިންބައިކުޅަ އެއްބަޔަށް އިންޓަނެޓުގެ ހިދުމަތް ނުލިބޭ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ މީހުންނަށް އިންޓަނެޓް ނުލިބޭ،" ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކުރިއަރައިގެން ދިޔުމުގެ ފުރުސަތު ގެއްލިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޑްސް، އެލްޑީސީ އަދި އެލްއެލްޑީސީ ފަދަ ގައުމުތަކަށް އިންޓަނެޓް ރަނގަޅަށް ނުލިބުމުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގައި ކުރިއަރައިގެންދާ އިރު، ހައިޖެކިންއާއި ޑޭޓާ ޕްރައިވެސީ ފަދަ ކަންކަމަށް ސަމާލުވުން މުހިންމު ކަމަށެވެ.

"މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖެއިން ވަނީ ނޭޝަނަލް ސައިބާ ސެކިއުރެޓީ އެޖެންސީ ގާއިމުކޮށްފައި. ނަމަވެސް އަޅުގަނޑުމެން އިތުރު ވަސީލަތްތައް ބޭނުންވޭ ދެމެހެއްޓެނެވި ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމަށް އިންވެސްޓްމެންޓާއި، ޕާޓްނަރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.