މ. ކޮޅުފުށީގައި 100 ހައުސިން އުނިޓް ހެދުމުގެ މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް ލިބުނު ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އެކަމުގައި ކުންފުނިތަކުން އަމަލުކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް ކުރި ދައުވާ ކޯޓުން ބާތިލުކޮށްފިއެވެ.

ކޮޅުފުށީގެ ހައުސިން މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ޕީއީއެސް މެރިން ސާވިސަސް ކުންފުންޏާއެވެ. އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 15 އޮކްޓޯބަރު 2019 ގައެވެ. ނަމަވެސް ފަހުން އެ އެއްބަސްވުން ދައުލަތުން ބާތިލުކުރިއެވެ. އެކަމާ ގުޅިގެން އެ ދެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

އެ ދައުވާގައި އެ ދެ ކުންފުނިން ބުނެފައިވަނީ އެ އެއްބަސްވުމަށް އަމަލުނުކުރަން ދައުލަތުން ނިންމާފައިވަނީ، ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައި އެ ކުންފުނިތަކުގެ އަމިއްލަ ބާރުގެ ބޭރުން ހިނގާފައިވާ ކަންކަމާއި ހައުސިން މިނިސްޓްރީގެ ސަބަބުން ކުރިމަތިވެފައިވާ ޑިލޭތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގެ މުއްދަތު މިނިސްޓްރީން ގުނާފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އެ ކުންފުނިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާތީއާއި އެކަމުގައި ދައުލަތުން ޒިންމާއުފުލަންޖެހޭ ކަންކަމާހުރެ، ޕްރޮޖެކްޓް ޑިލޭވުމުގެ ސަބަބުން އެ ކުންފުނިތަކުން އިތުރަށް ހިނގާފައިވާ ހަރަދުތަކަށާއި ވެފައިވާ ގެއްލުމަށް ދައުލަތުން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ދެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

މި ދައުވާއަށް ޖަވާބުދާރީވުމަށް ކޯޓުން ދައުލަތަށް ފުރުސަތު ދީފައިވަނިކޮށް، ދައުވާ ފޯމް އިސްލާހުކޮށް މައްސަލަ އަލުން ހުށަހަޅަން ބޭނުންވާ ކަމަށް ބުނެ މުޅި ދައުވާ އަނބުރާ ގެންދިއުމަށް 28 އޮގަސްޓް 2022 ގައި އެ ދެ ކުންފުނިން ކޯޓުގައި އެދުނެވެ.

ނަމަވެސް ދެ ކުންފުނީގެ އެ ހުށަހެޅުން ބާތިލުކޮށްދިނުމަށް ހައުސިން މިނިސްޓްރީން 28 ސެޕްޓެމްބަރު 2022 ގައި ކޯޓުގައި އެދުނެވެ. އެކަމާ ގުޅިގެން ދައުވާ ފޯމް އިސްލާހުކޮށް މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ދައުވާ އަނބުރާ ގެންދިއުމަށް ދެ ކުންފުނިން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކޯޓުން ނިންމިއެވެ.

އެއާ ގުޅިގެން އެ ދައުވާއަށް އިންކާރުކޮށް ހުށަހެޅި ދިފާއުއާ ގުޅިގެން ހައުސިން މިނިސްޓްރީން އިތުރު ދައުވާއެއް ހުށަހެޅިއެވެ. އެއީ 100 ހައުސިން ޔުނިޓް ގާއިމުކުރުމަށް އެ ކުންފުނިތަކާއެކު ހެދި އެއްބަސްވުމުގެ މުއްދަތު އިތުރުނުކުރަން ނިންމާފައިވާތީ، އެ އެއްބަސްވުމުގެ ދަށުން އެ ފަރާތްތަކަށް ދީފައިވާ އެޑްވާންސް ފައިސާގެ ތެރެއިން ނުލިބިވާ 9.2 މިލިއަން ރުފިޔާއާއި އެކަމުގެ ތެރޭގައި ލިކިއުޑޭޓެޑް ޑެމޭޖުގެ ގޮތުގައި އަރާފައިވާ 10.7 މިލިއަން ރުފިޔާ ހޯދުމަށް ކުރި އިތުރު ދައުވާއެކެވެ.

ނަމަވެސް އެ މައްސަލައިގެ އަސްލު ދައުވާއާއި އިތުރު ދައުވާގެ ލިޔުން ބަދަލުކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު 10 މެއި 2023 ގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް އެދުނެވެ. އެހެންކަމުން އެކަމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ. އެ މުއްދަތުގައި މައްސަލަ ހައްލުކުރެވިފައިނުވާތީ މައްސަލަ ހައްލުކުރުމަށް އިތުރު ވަގުތު ދިނުމަށް ދައުވާކުރި ފަރާތުން ހުށަހެޅުމާއި ގުޅިގެން ކޯޓުން ވަގުތު އިތުރުކޮށްދިނެވެ.

އަދި ފަހުން މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހާއި 11 ވަނަ ދުވަހަށް މި މައްސަލަިއގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް މައްސަލަ ހުށަހެޅި ދެ ކުންފުނީގެ ވަކީލުގެ އެދުމުގެ މަތިން ކެންސަލް ކުރިއެވެ.

މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށްޓަކައި އަޑުއެހުންތައް ދެ މަސް ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް ދައުވާ ހުށަހެޅި ފަރާތްތަކުން އެދުނެވެ. ނަމަވެސް ދައުލަތުން އެދުނީ ދައުވާކުރާ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ބައްދަލުކޮށް މައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް ފެށުމަށާއި އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާނަމަ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ނިންމައި ދިނުމަށެވެ.

އޭގެފަހުން މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ 10:00 އަށް ތާވަލުކޮށް އޮގަސްޓް 19 ގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުވާގައި ހިމެނޭ ފަރާތްތަކަށް ފޮނުވާފައިވަނިކޮށް، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި އިއްޔެ ހެނދުނު 8:45 ގައި ދައުވާކުރާ ފަރާތުގެ ވަކީލު ކޯޓަށް މެއިލްކުރިއެވެ. އެ މެއިލްގައި ބުނެފައިވަނީ، ދަތުރުމައްޗެއްގައި އުޅޭ ވާހަކައެވެ. އެހެންކަމުން އިއްޔެގެ އަޑުއެހުމަށް ވަޑައިނުގެންނެވޭނެތީ އަޑުއެހުން ރީޝެޑިއުލް ކޮށްދިނުމަށް ވަކީލު އެދިފައިވެއެވެ.

ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގެ ގަވާއިދުގައިވާ ގޮތުން، ދައުވާގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރު ނުވެވޭ ގޮތަށް ފުރައިގެން ދާންވާނީ ކޯޓުގެ ހުއްދަ ލިބިގެންނެވެ. އެ ގަވާއިދުގައިވާ ފަދަ ސަބަބެއް މެދުވެރި ވެފައިވާނަމަ އެ ސަބަބު ބަޔާންކޮށް، ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ ދެ ގަޑިއިރު ކުރިން، އެކަން ކޯޓަށް ނާންގައިފިނަމަ ބަލާނީ ކޯޓަށް ހާޒިރު ނުވީކަމުގައި ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކުރާ ފަރާތުގެ ވަކީލު އެ ކަންތައްތަކުގެ ހުއްދަ ނަގައިފައެއް ނުވެއެވެ.

އެހެންކަމުން އެ ދެ ކުންފުނިން ދައުލަތުގެ މައްޗަށް ކުރި ދައުވާ ބާތިލުކަމަށް އިއްޔެ ވަނީ ކޯޓުން ހުކުމްކޮށްފައެވެ. އަދި މި ދައުވާގެ އަސްލަށް ބަލައި، ބަދަލުހޯދުމަށް ދައުލަތުން ހުށަހެޅި އިތުރު ދައުވާއަކީ މި ދައުވާ އާއެކު ކުރިއަށް ގެންދާ ދައުވާއެއް ކަމަށްވާތީ، ދައުލަތުން ހުށަހެޅި ދައުވާވެސް ބާތިލުކަމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ.