އދ. ގައި މިހާރަށްވުރެ އިސްދައުރެއް އަދާކުރަން ރާއްޖެއިން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒްއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކާ ގުޅޭ މައްސަލަތަކުގައި އދ.ގައި މިހާރަށްވުރެ ފުޅާކޮށް ރާއްޖެއިން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސް ވަނީ ގުޓެރެޒްއާ ހިއްސާ ކުރައްވައިފައެވެ. އެ މަސައްކަތުގައި ބައިނަލްއަގުވާމީ އެހީ ވަރަށް ބޮޑަށް މުހިންމުވާނެ ކަމަށް ރައީސް ވަނީ ގުޓެރެޒްގެ އަރިހުގައި ދަންނަވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ ބައިނަލްއަގުވާމީ ކަންކަމުގައި ހުރިހާ ގައުމެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް އދ.އިން ފުރުސަތުދޭތީ ގުޓެރެޒްއަށް ޝުކުރު ދަންނަވައިފައެވެ.

އެ ބައްދަލުވުމުގައި ގުޓެރެޒްއާ ވަނީ ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތާއި ބައިނަލްއަގުވާމީ ކަންކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.

މިއީ ރައީސް މުއިއްޒު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.