ސްރީލަންކާގެ އިންތިހާބީ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބު، ޖަނާތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ) ޕާޓީން ވާދަކުރެއްވި އުމުރުން 55 އަހަރުގެ އަނޫރާ ކާމިޔާބުކުރައްވާފައިވާކަން ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފައެވެ.
އަނޫރާއަށް މަރުހަބާ ފޮނުއްވެވުމަށް ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަވަށްޓެރި ސްރީލަންކާ އާއި ރާއްޖޭގެ ތާރީހީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އަނޫރާއަށް ކުރިމަގުގައި ވެސް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވިއެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް 38 ކެންޑިޑޭޓުން ވާދަކުރިއެވެ. މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވެސް ވާދަކުރެއްވިއެވެ.
އަނޫރާ އާއި ރަނިލްގެ އިތުރުން ދެން ވާދަކުރެއްވި މުހިންމު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނުނީ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، އެސްއެލްޕީޕީގެ ނަމާލް ރާޖަޕަކްސަ، ކުރީގެ ރައީސް ރަނަސިންހަ ޕްރެމަޑާސާގެ ދަރިކަލުން އަދި އިދިކޮޅު ޕާޓީ ސަމަގީ ޖަނަ ބަލަވެގާޔާގެ ލީޑަރު ސަޖިދު ޕްރެމަޑާސާ، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ސަރަތު ފޮންސޭކާ، ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓުން ވާދަކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަޑާސާ ރާޖަޕަކްސެ އެވެ.
އިންތިހާބުގައި އަނޫރާ އެންމެ ގިނަ ވޯޓު ހޯއްދެވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ލީޑަރު ސަޖިތުއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ މިހާރުގެ ރައީސް ރަނިލް އެވެ.
ޚަބަރު
ޚަބަރު