ޖަރުމަނު ލީގުގައި އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑު، ބަޔާން މިއުނިކްގެ އިންގްލެންޑް ފޯވަޑް ހެރީ ކޭން މުގުރާލައިފިއެވެ.

ކޭން އެ ރެކޯޑު މުގުރާލީ ރޭ ބަޔާނުން ލީގުގައި ކުޅުނު މެޗުގައި ގޯލު ޖަހައިގެންނެވެ. ބަޔާނުން ރޭ ރަށުން ބޭރުގައި 4-0 އިން ވާޑާ ބްރެމެން ބަލިކުރި އިރު، އެ މެޗުގައި ކޭން ޖެހި ގޯލަކީ ޖަރުމަނު ލީގުގައި އޭނާ ޖެހި 41 ވަނަ ގޯލެވެ. ކޭން ލީގުގައި 41 ގޯލު ހަމަކޮށްފައިވަނީ އެންމެ 36 މެޗުންނެވެ.

އުމުރުން 31 އަހަރުގެ ކޭންއަށް މި ހަފުތާވެގެން ގޮސްފައިވަނީ ރެކޯޑުތަކުގެ ހަފުތާއަކަށެވެ. އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބަޔާނުން ޑައިނަމޯ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހަދައި ކޭން ވެފައިވަނީ ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އެ ރެކޯޑަށް ހަފުތާއެއް ނުވަނީސް ލީގު ރެކޯޑެއް ރޭ ވަނީ ހަދައިފައެވެ.

ރޭ ކޭން ހެދި ރެކޯޑު ކުރިން އޮތީ ޑޯޓްމުންޑަށް ގިނަ މެޗުތަކެއް ކުޅެފައިވާ ޖޭޑަން ސަންޗޯ އަތުގައެވެ. ސަންޗޯ ވަނީ ޑޯޓްމުންޑަށް ކުޅުު 118 މެޗުގައި 40 ލީގު ގޯލު ޖަހައިފައެވެ. އެވަރަށް ސަންޗޯއަށް ގޯލު ޖެހުނީ 100 އަށްވުރެ ގިނަ މެޗުންނެވެ. އެހެންކަމުން ކޭން އެންމެ 36 މެޗުން އެ ރެކޯޑު މުުގުރާލުމުން އޭނާ ލީގުގައި ގޯލު ޖަހަމުންދާ ރޭޓް މަތިކަން ދައްކުވައިދެއެވެ.

ސަންޗޯގެ ކުރިން ޖަރުމަނު ލީގުގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ އިނގިރޭސި ކުޅުންތެރިޔަކީ ޓޯނީ ވުޑްކޮކްއެވެ. އެއީ 39 ގޯލެވެ. އޭނާ އެ އަދަދަށް ގޯލު ޖެހުނޯ 131 މެޗުންނެވެ. އެއީ 1980 ވަނަ އަހަރު ކޮލޯންއަށް ކުޅެމުންނެވެ.

ބަޔާނުން ރޭ ހޯދި މޮޅާއެކު އެ ޓީމުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ. ދެން އެ ޓީމަށް ރޭ ގޯލުތައް ޖަހައި ދިނީ މިޝޭލް އޮލީސޭއާއި ޖަމާލް މުސިއަލާ އަދި ސާޖް ނަބެރީއެވެ.