ކަޝްމީރުގެ ނަން އެންމެންވެސް އަޑުއަހާނެއެވެ. ކަޝްމީރަކީ މިއަދު ތިން ގައުމެއްގެ މެދުގައި ބެހިގެންގޮސްފައިވާ ސަރަހައްދެކެވެ. އެންމެ ހުޅަނގު ފަޅި އޮތީ ޕާކިސްތާނުގެ ދަށުގައެވެ. އެބަޔަށް ކިޔަނީ އާޒާދު ކަޝްމީރެވެ. އެންމެ އުތުރުގެ ބަޔަށް ކިޔަނީ އަކްސާއީ ޗިންއެވެ. އެބައި އޮންނަނީ 1962 ވަނަ އަހަރުން ފެށިގެން ޗައިނާގެ ދަށުގައެވެ. އިރުމަތީގެ ބަޔަށް ކިޔަނީ ޖައްމޫ ކަޝްމީރެވެ. އެބައި އޮންނަނީ އިންޑިޔާގެ ދަށުގައެވެ. އެއީ 1952 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އިންޑިޔާގެ ސްޓޭޓެކެވެ. ސްޓޭޓަކަށް ވުމުގެ މާނަޔަކީ އެތަނުގެ ރައްޔިތުން އިންތިޚާބުކުރާ ސަރަހައްދީ ސަރުކާރެއް އޮތުމާއި އެ ސަރަހައްދުގެ ގާނޫނުތައް ހެދުމަށް ސަރަހައްދީ ގާނޫނު ހަދާ މަޖިލީހެއް އޮތުމެވެ. އިންޑިޔާގެ އެނޫން ސްޓޭޓްތަކަށްވެސް ލިބިގެންވާ ދާޚިލީ މިނިވަންކަމާއި އިޚުތިޔާރާއި އިމްތިޔާޒުތައްވެސް ކަޝްމީރަށް އޮތުމެވެ. އެކަމަކު އިންޑިޔާގެ މަރުކަޒީ ވެރިކަމުގައި އޮތް ބީޖޭޕީގެ ސަރުކާރުން ވަނީ މި ހައްގު ނިގުޅައިގެންފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކަޝްމީރުގެ އިމްތިޔާޒުތަކާއި އިޚުތިޔާރުތައް ނިގުޅައިގަނެ ސީދާ މަރުކަޒީ ސަރުކާރުގެ ދަށަށް ގެނެސްފައެވެ. މިއީ ކަޝްމީރުގެ ރައްޔިތުން ވަރަށް ދެކޮޅު ކަމެކެވެ. ކަޝްމީރުގެ އާބާދީއަކީ ގާތްގަނޑަކަށް ތޭރަ މިލިޔަން މީހުންނެވެ. އޭގެތެރެއިން 69 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އެހެންވީމާ ސްޓޭޓެއްގެ ގޮތުގައި ކަޝްމީރު އޮތްއިރު އެއީ އިންޑިޔާގައި މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ހަމައެކަނި ސްޓޭޓެވެ. ސްޓޭޓެއްގެ ދަރަޖަ ނިގުޅައިގަނެ ޔުނިއަން ޓެރިޓަރީއެއްގެ ގޮތުގައި ވެރިރަށް ނިއުދިއްލީގެ ސީދާ ބެލުމުގެ ދަށަށް ގެނައީމާ އިންޑިޔާގައި މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސްޓޭޓެއްނެތި ނިމުނީއެވެ. އިންޑިޔާގައި ދެން މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ އަނެއް ސަރަހައްދަކީ ލަކްޝަދީބެވެ. އެތަނުގެ އާބާދީގެ ގާތްގަޑަކަށް 97 އިންސައްތަޔަކީ މުސްލިމުންނެވެ. އެކަމަކު ލަކްޝަދީބަކީވެސް ސްޓޭޓެއް ނޫނެވެ. ނިއުދިއްލީގެ ސީދާ ބެލުމުގެ ދަށުގައިވާ ޔުނިއަން ޓެރިޓަރީއެކެވެ.
ސްޓޭޓެއްގެ ދަރަޖަ ނިގުޅައިގަނެ ޔުނިއަން ޓެރިޓަރީއަކަށް ހެދިފަހުން ކަޝްމީރުގައި ޗީފް މިނިސްޓަރަކު ނުހުންނަވައެވެ. ވެރިކަމުގެ އެންމެހައި ކަންކަން ހިންގަވަނީ މަރުކަޒީ ސަރުކާރުން އައްޔަންކުރާ ލެފްޓިނަންޓް ގަވަރުނަރެކެވެ. އެމަގާމުގައި މިހާރު ހުންނެވީ ބީޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހިންދޫއެއް ކަމަށްވާ މަނޯޖް ސިންހާއެވެ. ސްޓޭޓެއްގެ ގޮތުގައި އޮތްއިރު ކަޝްމީރުގައި ސަރަހައްދީ ޕާލަމެންޓެއްވެސް އޮތެވެ. ނިއުދިއްލީގެ ސީދާ ބެލުމުގެ ދަށަށް ކަޝްމީރު ގެނައި ހިސާބުން އެ މަޖިލީސް ވަނީ އުވައިލައިފައެވެ. އެހެންވީމާ މިވަގުތު ކަޝްމީރުގައި ރައްޔިތުން އިންތިޚާބުކުރި ވެރިޔަކު ނެތެވެ. ހައްތާވެސް ތިއްބެވީ ނިއުދިއްލީން އައްޔަންކުރި މީހުންނެވެ. ވެރިކަމުގެ ކަންކަން ތަރުތީބު ކުރެވިފައިވަނީ ކޮލޮނީއެއްގެ ބީދައިންނެވެ. މިކަން މިމަގުން ހިނގަމުންދާތާ ހަތަރު އަހަރު ފަހުން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިޔާގެ ސްޕްރީމް ކޯޓުން ވަނީ ވަރަށް މުހިންމު ނިންމުމެއް ނިންމައިފައެވެ.
ސްޕްރީމް ކޯޓުން ވަނީ ކަޝްމީރުގައި ސަރަހައްދީ އިންތިޚާބެއް ބާއްވައި ރައްޔިތުންގެ މަންދޫބުން ހިމެނޭ ސަރަހައްދީ މަޖިލީހެއް ހޮވުމަށް މަރުކަޒީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައެވެ. ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކަޝްމީރުގައި ބާއްވާ ސަރަހައްދީ އިންތިޚާބުގެ ވޯޓުލުން މި ހަފުތާގެ ބުދަދުވަހު ވަނީ ފަށާފައެވެ. މި އިންތިޚާބު ބާއްވާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ސެޕްޓެމްބަރު 18 ގައި ވަނީ ފަށާފައެވެ. އަނެއް ދެ ފިޔަވަހި ސެޕްޓެމްބަރު ފަންސަވީހާއި އޮކްޓޫބަރު އެކެއްގައެވެ. ނަތީޖާ އިއުލާން ކުރާނީ އޮކްޓޫބަރު އަށެއްގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9 މިލިޔަން މީހުން އެބަތިއްބެވެ. އޭގެތެރެއިން 7 މިލިޔަން މީހުންނަކީ މުސްލިމުންނެވެ. އެހެންވީމާ ބީޖޭޕީން ބޭނުންވާ ބަޔަކަށް އެމީހުން ވޯޓުދޭނެ ކަމަށް ނުފެނެއެވެ. ކަޝްމީރުގެ ރައްޔިތުން ހޮވަން ބޭނުންވަނީ ކަޝްމީރަށް އަލުން ސްޓޭޓެއްގެ ދަރަޖަ ހޯދުމަށް ވަކާލާތުކުރާނެ ބައެކެވެ.
ބީޖޭޕީއާ ދެކޮޅު ރޫހެއްގައި ވޯޓުދިނުމަށް ކަޝްމީރުގެ ރައްޔިތުން ތިބީ އެކަތިގަނޑަކަށް ވެގެންނެވެ. އެކަން މިއަހަރުގެ ކުރީކޮޅު ބޭއްވުނު އާއްމު އިންތިޚާބުގައިވެސް ވަނީ ފެނިފައެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުކުތީވެސް ކަޝްމީރުގައެވެ. މަގުސަދަކީ ބީޖޭޕީ ނޫންގޮތެއް ހޯދުމެވެ. މިފަހަރު ބާއްވާ ސަރަހައްދީ އިންތިޚާބުގައިވެސް ފެނިގެންދާނީ މި ރޫހުކަމަށް ޔަގީންކުރެވެއެވެ. ކަޝްމީރުގެ ރައްޔިތުން އެކައްޗެއް ކިޔައިފައި އެއްވާނެއްގައި ނުކުމެ ބީޖޭޕީއާ ދެކޮޅުހަދާނެ އަދި ކަޝްމީރުގެ ކުރީގެ އިމްތިޔާޒު އަލުން ރުޖޫއަކުރުމަށް ވަކާލާތު ކުރާނެ މަޖިލީހެއް ހޮވިޔަސް އެ މަޖިލީހަކީ އިންޑިޔާގެ ސްޓޭޓްތަކުގައިވާ ސަރަހައްދީ މަޖިލީސްތަކަށް ނިސްބަތްކުރާއިރު އާރެއް ބާރެއް ނެތް މަޖިލީހެކެވެ. ތައުލީމާއި ވަރިކައިވެންޏާއި ތަރިކަޔާއި ބިންތަކާއިބެހޭ ގޮތުން އެއްވެސް ގާނޫނެއް ހެދުމުގެ ބާރެއް އެ މަޖިލީހަކަށް ނޯންނާނެއެވެ. އެއީ ހަމައެކަނި ނަމުން މަޖިލީހެކެވެ. ކަމުން މުނިސިޕަލް ކައުންސިލެކެވެ.
ސަރަހައްދީ އައު ޕާލަމެންޓެއް ނުވަތަ މަޖިލީހެއް ހޮވުމުގެ މާނަޔަކީ އެ މަޖިލީހުގެ ތެރެއިން އައު ޗީފް މިނިސްޓަރަކުވެސް ހޮވުމެވެ. އެކަމަކު މިހާރު އޮތްގޮތުން އެ ޗީފް މިނިސްޓަރު ވާނީ އާރެއް ބާރެއްނެތް ހަމައެކަނި ނަމުން ޗީފް މިނިސްޓަރަކަށެވެ. ޗީފް މިނިސްޓަރުގެ އޮފީހުގެ ޕިޔޯނަކު ހަމަޖައްސަންވިޔަސް ޗީފް މިނިސްޓަރަށް ޖެހިވަޑައިގަންނަވާނީ ލެފްޓިނަންޓް ގަވަރުނަރަށް އާދޭސް ދަންނަވާށެވެ. އޭނާގެ އިޒުނަޔާ ލައިގެން މެނުވީ ހަމައެއްވެސް މަގާމަކަށް މީހަކު އައްޔަނެއް ނުކުރެވޭނެއެވެ. ކޮންމެއަކަސް ކަންކަން އޮތީ މިފަދަޔަކުންނެވެ. އެހެންވީމާ ކަޝްމީރުގެ ރައްޔިތުން ބީޖޭޕީއާ ދެކޮޅު ރޫހެއްގައި މަޖިލީހެއް ހޮވައި އެ މަޖިލީހުގެ ތެރެއިން އައު ޗީފް މިނިސްޓަރަކު ވަޑައިގެންނެވިޔަސް ކަންކަން ހައްލެއް ނުވާނެއެވެ. ބަދަލެއް ނުވާނެއެވެ. އޭގެ ބަދަލުގައި ކަންކަން ހުއްޓުމާއި އަރައިރުން ބޮޑުވުމަށް މަގުފަހިވުންގާތެވެ. ކަންކަން ދެން ފުރޮޅިގެންދާނެގޮތް އެނގޭނީ އިންތިޚާބު ނިމި ހޮވޭ ބަޔަކުވެސް އެނގި ސާފުވުމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ