ރާއްޖެއަކީ އެއްވެސް އިރެއްގައި ދުނިޔެއަށް އާ ތަނެއް ނޫނެވެ. ސަބަބަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއްގެ މެދުގައި އޮތުމެވެ. މި މަގުގައި ވިޔަފާރިއާއިގެން އެކި ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ ނައުފަހަރުތައް، ރާއްޖޭގެ ކަނޑުއޮޅިތަކުން ވަދެ، އެކި ބަނދަރުތަކުގައި މަޑުކޮށް ހެދި އެވެ. އަތޮޅުތަކުން ފެންނަން ހުރި އާސާރުތައް މިކަންކަމަށް ހެކިދެ އެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އުތުރުގެ އަތޮޅުތައް ފާހަގަކުރެވިފައިވަނީ މިގޮތަށް ދުއްވި ގިނަ ނައުފަހަރުތައް މަޑުކުރަމުން ދިޔަ ބަނދަރުތަކެއްގެ ގޮތުގަ އެވެ. އެހެންކަމުން އޭރުވެސް އެއީ ނައުފަހަރުތަކަށް އަމާން މަންޒިލެއްކަން އެނގެއެވެ.
މިއަދުވެސް ދުނިޔޭގައި އުފައްދާ ހުރިހާ މުދަލެއްގެ ގާތްގަނޑަކަށް 80 ޕަސެންޓް އުފުލަނީ ކަނޑުމަގުންނެވެ. މުދާ އުފުލާ ބޯޓުފަހަރު ދުނިޔޭގެ އިރުން ހުޅަނގަށް, ހުޅަނގުން އިރަށް ދަތުރުކުރާ އެންމެ ބޮޑު މަގަކީ 8 ޑިގްރީ ޗެނަލެވެ. ރާއްޖެއާ ވަރަށް ކައިރީގައި އޮތް މި ޗެނަލުން ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ އުޅަނދުފަހަރު ދަތުރުކުރެ އެވެ. އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރުގެ މުދާ އުފުލަމުން ދަނީ މި ކަނޑު ހުރަސްކޮށެވެ.
އެ މަންޒަރު ބަލަން ދިވެހީން ދެކޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމުން ފައިދާ ނެގޭނެ ގޮތެއް ނެތި ތިއްބައި އެހެން ގައުމުތަކުން އެކަން ފަށައި މަންފާ ހޯދަމުންދަނީ އެވެ. އެ ވިޔަފާރީގެ ބޮޑު ފުރުސަތުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް އިބްރާހިމް ނާސިރެވެ. އޭގެ ފަހުން ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވިސްނުމަކީ ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނު ވިސްނުމެކެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ހިސާބަކަށް މިކަން ގެންދެ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ހަގީގީ ކުލަ ޖެއްސިފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިހަވަންދިއްޕޮޅަށް އުއްމީދީ މަންޒަރުތަކެއް ދެއްކެވި އެވެ. އެ ސަރަހައްދުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާއެކު ދިވެހި އިގުތިސޯދުގެ ދިގު ފިޔަވަޅެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެކަން ގަބޫލުކުރީ ކިތަން މީހުންކަމެއް ނޭނގެއެވެ. އެންމެ ބޮޑު ސަބަބަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިހަވަންދިއްޕޮޅުގައި އިއުލާން ކުރެއްވި މާސިންގާ ބޮޑު މަޝްރޫއު, "އައިހެވަން" ފެއިލިވުމެވެ. ރީތި ކުރެހުންތަކާއި އުއްމީދީ ވާހަކަތައް ދެއްކި ނަމަވެސް އެ މަސައްކަތުގައި ހަގީގީ ކުލަ ނުޖެހުމެވެ. އަދި އޭގެ ކުރިއާއި ފަހުގެ ސަރުކާރުތަކުން ވެސް މިއީ ހަމައެކަނި "ކުލަ ގަރުދާހެއް" ގެ ގޮތުގައި ވިއްކާ ސިޔާސީ އެއްޗަކަށް ވެފައި އޮތީމައެވެ.
ނަމަވެސް މިފަހަރު ތަފާތެވެ. ތަފާތަކީ އަމަލީ ގޮތުން މަސައްކަތް ފެށުމެވެ. މި ވެރިކަމުގެ ވަރަށް ޅަފަތުގައި އިހަވަންދިއްޕޮޅަކީ ސްޕެޝަނަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި, މެރިޓައިމް ހިދުމަތްތަކާއެކު އެ ތަނުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި ބިޔަ މަޝްރޫއެއް އިއުލާންކުރި އެވެ. އެ މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރުގެ ގޮތުގައި ހަމަޖެއްސީ ސަރުކާރު ހިއްސާވާ އެންމެ ބިޔަ ކުންފުނިތައް ހިމަނައިގެން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އެވެ.
އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފަށަން ނިންމީވެސް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތެވެ. އެއީ ފްރީ ޒޯން ކުންފުނީގެ އެންމެ ފުރަތަމަ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ބަންކަރިންގެ ހިދުމަތް ދޭނީ އެސްޓީއޯއިންނެވެ. އެއާއެކު ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ގިނަ ހިދުމަތްތައް ދޭނީ އެމްޕީއެލް އިންނެވެ.
މިދިޔަ ހައެއްކަ މަސް ދުވަހު ފްރީ ޒޯން ކުންފުނިން ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ އިއްޔެ އެވެ. ލަސްތަކެއް އައި ނަމަވެސް ހއ. ހޯރަފުށީގެ އުތުރުން އޮންނަ ފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތަކީ ރާއްޖޭގެ އިގުތިސޯދު އާ ސިނާއަތަކަށް ފުރޮޅާލި ވަގުތުކޮޅެކެވެ. ރާއްޖޭގެ އިގުތިސޯދަށް ނަފާ ލިބޭނެ އިތުރު ދޮރެއް ހުޅުވުމަށް ދިވެހިން ކުރަމުންދިޔަ އިންތިޒާރަށް އައި ނިމުމެކެވެ.
އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފޯރުކޮށްދޭނީ އެސްޓީއޯއިން ރާއްޖެ ގެނައި 4,000 މެޓްރިކް ޓަނުގެ ދެ ބޯޓާއެކު އެވެ. ސިންގަޕޫރުން ގެނެސްފައިވާ އެ ދެ ބޯޓު މެދުވެރިކޮށް އާގުބޯޓުފަހަރުގެ ޖަނަރޭޓަރަށް ބޭނުންވާ އެމްޖީއޯ މެރިން ގޭސް އޮއިލް އާއި އިންޖީނަށް ބޭނުންވާ ވީއެލްއެފްއެފްއޯ ފިއުލް އޮއިލް ވިއްކާނެ އެވެ. މިއީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސް އާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރު ތެރޭ އެއްކޮށް މިލްކުކުރެވޭ ގޮތަށް ހޯދި ދެ ބޯޓެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި އޮފްޝޯކޮށް ބަންކަރިންގެ ހިދުމަތް ދިނުމަކީ ފީޒަބަލް ކަމެއް ނޫނެވެ. އެ ކުންފުނީގެ އަމާޒަކީ ބިން ހިއްކައިގެން އެކަމަށް އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރުމެވެ. ނަމަވެސް ދެ ފްލޯޓާއެކު ބަންކަރިންގެ ހިދުމަތް ފެށުމުގެ ބޭނުމަކީ އަވަހަށް އެ ހިދުމަތް ފެށުމެވެ. ކަމުގެ ތަޖުރިބާކާރުންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ.
"އެތައް ލައްކަ އޭކަރެއްގެ ބިން ހިއްކައިގެން އެއްވެސް ކަމެއް ނުފެށޭނެ އިނގޭތޯ. އެއްކަމެއްވެސް. މިއީ (ބަންކަރިންއަކީ) ސާވިސްއެއް ދޭ ބިޒްނަސްއެއް. ޓޫރިޒަމްވެސް އަޅުގަނޑުމެން ފެށިން. ދެ ރަށެއްގައި ދެތިން ކޮޓަރި ހަދައިގެން ވިއްސަކަށް މީހުން އައިސްގެން ފެއްޓުނީ. އެކަން ފުޅާކުރަމުން އައިސް ރާއްޖެ މިއަދު މި އޮތީ އެންމެ މަގުބޫލު ޑެސްޓިނޭޝަނަށް ވެފައި," ރާއްޖެއިން ޓޫރިޒަމްގެ ވިޔަފާރިއަށް ނުކުތް ގޮތުގެ މިސާލު ދައްކަވަމުން ރާއްޖޭގައި ހުރި މެރިޓައިމް ދާއިރާގެ އެންމެ މަޝްހޫރު އެއް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަންކަން ވެސް ކުރެއްވި ސެންކޯ ޝަރީފު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބަންކަރިންގެ ބޮޑު ހަބަކަށް މިއަދު ވެފައި އޮތް ސިންގަޕޫރުންވެސް އެ ހިދުމަތް ފުރަތަމަ ފެށީ ތެޔޮބާޖަކުންނެވެ. އެހެންކަމުން ކުޑަކޮށް އެ މަސައްކަތް ފެށުމަކީ ހިތް މަރުވާންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބަންކަރިން ފެށި މޮޑެލް ދިފާއުކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިސާލު ޖެއްސެވީ ދުބާއީން މި ވިޔަފާރި ފެށި ގޮތަށެވެ. އެންމެ ފުރަތަމަ ދުބާއީއަށްވެސް ބޮޑެތި ބޯޓުފަހަރު ގެނެސް, 'އޮޅުކުރީ' ވަރަށް ކުޑަކޮށް, ބޯޓުފަހަރުން އެއްވެސް އަގެއް ނުނަގާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވިގޮތުގައި އެ ގައުމުން ހިދުމަތުން އަގު ނަގަން ފެށީ ޝިޕިން ޓްރެފިކް އެތަނަށް ގެންގޮސް އޮޅުކުރުމަށްފަހު އެވެ.
"ސުވާލަކީ މި ވިޔަފާރި ފަށާނީ އާދައިގެ ގޮތެއްގައިތޯ ނޫނީ ބޮޑު ބިމެއް ހިއްކާފަ ޕޯޓު ހަދާފަ ހުރިހާ ކަމެއް ކޮށްފަ ދެން ބޯޓެއް ވަދޭތޯ އިންތިޒާރުގަ ތިބޭނީތޯ. ކޮބައިތޯ މީގެ އެންމެ އިކޮނޮމިކް ގޮތަކީ؟" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ, އެކަމުގައި ކުރިއަށްދާން އެންމެ ރަނގަޅު ގޮތަކީ އެ ފަންނުގެ ތަޖުރިބާ ހުރި ދުނިޔޭގައި އެކަން ކުރާ ބަޔަކާ އެއްކޮށް އޯފްޝޯ ފެސިލިޓީއެއް ގޮތުގައި ހިދުމަތް ފަށައިގެން އެ ބައެއްގެ މާކެޓުން ބޯޓުފަހަރު ގެނެސްގެން ރާއްޖެއަށް ބޯޓުތައް އޮޅުކުރުން ކަމަށެވެ.
އޯފްޝޯ ބަންކަރިން ފެށުމަށް ބޭނުންކުރާ ދެ ބޯޓުގެ އިތުރުން މި ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެމްޕީއެލް އިން ވަނީ ޓަގު ބޯޓާއި ޕައިލެޓް ބޯޓުވެސް ހޯދައިފަ އެވެ. އަދި މިފަދަ އިންޓަނޭޝަނަލް ހިދުމަތެއް ދިނުމުގައި ހުންނަން ޖެހޭ ޝަރުތު ކަމަށްވާ, އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް ގޭޓް) އުލިގަމުގައި ގާއިމުކޮށް މިދިޔަ ބުދަ ދުވަހުގެރޭ ވަނީ ހުޅުވައިފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެމްއެންޑީއެފްގެ ސެކިއުރިޓީ ކަންކަންވެސް ވަނީ ފުރިހަމަކޮށްފަ އެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް އެސްޓީއޯ އިން ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ ބޮޑު ކުންފުނި ނެދަލޭންޑްސްގެ "ވިޓޯލް" އާއެކު ސޮއި އެޅީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެއާއެކު އެ ކުންފުނީގެ ބަންކަރިން ޗާޓުގައި ރާއްޖެ ވަނީ ހިމަނައިފަ އެވެ. އަދި ވިޓޯލްގެ ބްރޭންޑާއި ތަޖުރިބާ އާއި ތެލުގެ ވިޔަފާރީގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވަމީ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ފެށި އެވެ. އެއީ މި ވިޔަފާރިއަށް އޮތް އެންމެ ބޮޑު އުއްމީދާއި ޔަގީންކަމެވެ.
- ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި
- 55 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެއް
- އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުރޭ
- އަހަރަކު 12 މިލިއަން ޓަނުގެ ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކާ
- މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރު ސަޕްލަޔަރު
- ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރު
ވިޓޯލްއަކީ ބޮޑު ނެޓްވޯކެއް އޮތް އަދި ދުނިޔޭގެ އެންމެ ބޮޑެތި ޝިޕް އޯނަރުންނާއި ކްރޫސްލައިނާސް ތަކަށް ބަންކަރިންގެ ހިދުމަތް ދޭ ބައެކެވެ. ފުޖެއިރާ, ރޮޓަޑަމް, ސިންގަޕޫރު އަދި އެމެރިކާގައިވެސް އެ ކުންފުނިން ހިދުމަތް ދެ އެވެ.
އެ ކުންފުނީގައި އެތައް ޒަމާނެއްގެ ތަޖުރިބާ ހުރިކަން ފާހަގަކުރައްވައި ވިޓޯލް އިންޓަނޭޝަނަލް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަދި ވިޓޯލްގެ ބަންކަރިން ޑިވިޝަން, ވީ ބަންކާސްގެ ވެރިޔާ ކެޕްޓަން ރިޝާބް ބާލް ވިދާޅުވި ގޮތުގައި, އެ ތަޖުރިބާގެ އަލީގައި މި ވިޔަފާރި ބޮޑުކުރާނެ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ވިޓޯލްއަކީ މިއަދު ބީ30 ފަދަ ގްރީނާ ފިއުލް ނުވަތަ ތިމާވެއްޓާ ރައްޓެހި ގޭހާއި ބަޔޯ ފިއުލްވެސް ކޮލިޓީގައި ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު, ތެލާއި ހަކަތައިގެ ދާއިރާއިން އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާ އެސްޓީއޯއާ ހިއްސާކުރުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ސުވާލު ކުރުމުން ސެންކޯ ޝަރީފު ވަގުތުން ވިދާޅުވީ ޗެލެންޖަކަށް ނުވާނެ ކަމަށެވެ. ރާއްޖެއާ އެންމެ ކައިރީގައި އޮތް ސިލޯނުގެ ޕޯޓުން ބަންކަރިންގެ ހިދުމަތް ދޭ ގޮތް ކިޔައިދެއްވަމުން ޝަރީފު ވިދާޅުވީ ލަންކާގައި ބަންކަރިންގެ ހިދުމަތް ދެނީ ޕޯޓާ ވަރަށް ދުރުން ބޭރު ބަނދަރުންނެވެ. އެތަން ގަދަވުމަކީ ބޯޓުތަކަށް އޮތް ގޮންޖެހުމެއް ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
އެކަމަށް ވިޓޯލް އިންޓަނޭޝަނަލް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު ރިޝާބްވެސް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވާދަވެރިކަން އުފެދެނީ ހަމައެކަނި ތެޔޮ ވިއްކާ އަގަކުން ނޫނެވެ. ބަންކަރިން ހިދުމަތް ދޭ ސަރަހައްދާއި ބޯޓުފަހަރުން ބަނދަރުކުރަން ދާންޖެހޭ ދުރުމިނާއި މޫސުމަކީވެސް އެކަމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެކަންކަން ރާއްޖޭގައި މާ ފައްސެވެ.
"އަވައްޓެރި ގައުމުތަކުގައި މުޅި އަހަރު ތެރޭގައި ބަންކަރިން ހިދުމަތެއް ނުދޭ. ރާއްޖެއިން ފެންނަނީ، މި ތަނުގެ މޫސުން އޮންނަ ގޮތުން މުޅި އަހަރުގައި ވެސް މި ހިދުމަތް ދެވިދާނެކަން،" ރިޝާބް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިޓޯލް އިން ރާއްޖޭގައި ބަންކަރިން ހިދުމަތް ފަށަން ބައިވެރިވާން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖެ އޮތް ތަނެވެ. އަށް ޑިގްރީ ޗެނަލާ އިންވެގެން އޮތުމެވެ. މައި ޝިޕިން ލޭނަކާ އިންވެގެން އޮތުމަކީ ރޮޓަޑަމް، ސިންގަޕޫރު އަދި ފުޖައިރާއިން ވެސް ފާހަގަވި އެއްގޮތް ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއް ކަމެއް ނުކުރިޔަސް ފަސްދޮޅަހަކަށް ރެކްރިއޭޝަނަލް ޔޮޓް މިހާރުވެސް އުލިގަމު ކައިރިއަށް އާދޭ. މި ސަރަހައްދު ހުރަސްކޮށް 300 ބޯޓު ދަތުރުކުރާކަން އަޅުގަނޑުމެން އެއްކަމެއް ނުކުރިޔަސް އެގްޒިސްޓުވާ ސްޓެޓިސްޓިކްސް އެއީ. އެހެންވީމަ ތިބެންވީތޯ ހަމަ؟،" އިކޮނޮމިކް މިނިސްޓަރު ސައީދު ސުވާލު އުފެއްދެވި އެވެ. އޭނާ ވަނީ ރާއްޖެ ހުރަސްކޮށް ކޮންމެ ދުވަހަކު ދަތުރުކުރާ 300 ބޮޑެތި ބޯޓުފަހަރުގެ ތެރެއިން އެންމެ ޕަސެންޓެއްވެސް އެ ވިޔަފާރި ނުފަށާ ގެނެވޭނެތޯ ސުވާލު ކުރައްވައިފަ އެވެ.
"އަޅުގަނޑު ނެތިން 100 މިލިއަން ޑޮލަރު، 200 މިލިއަން ޑޮލަރުން ކިޔާކަން. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ހަރަދު ކަނޑާފަ 1،000 ޑޮލަރު ފައިދާއަށް ލިބުނަސް. ކަމެއް ކުރަން އުޅެގެން ކަމެއް ކުރެވޭނީ. ތެލުގެ ވިޔަފާރިއަކީ ވޮލިއުމް ވިޔަފާރިއެއް. މީގަ މުހިންމީ ކެޕިޓަލް އިންވެސްޓްމަންޓެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރުން އެންމެ ޕަސެންޓެއް ރާއްޖެއަށް ގެނެވުނު ނަމަވެސް އިހަވަންދިއްޕޮޅުގައި އޮންޕޯޓް ފެސިލިޓީ ފެށޭވަރުވާނެ ކަމަށެވެ. އެކަމަށް ކުރަން ޖެހޭނީ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ. ސައީދު އެ ވިދާޅުވި ފަދައިން ބަންކަރިންގެ ހިދުމަތް ފެށިއްޖެ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ މި ހިދުމަތް ކާމިޔާބު ވެދާނެތޯއެވެ. ސަސްޓެއިން ކުރަން ކިތައް އަހަރު ނަގާނެތޯއެވެ.
ސެންކޯ ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފަށަން އުޅޭކަން އެނގިގެން މިހާރުވެސް ބައެއް ކުންފުނިތަކުން އެކަމަށް ގުޅައި އަގު ވަނީ އަހައިފަ އެވެ. އެއީ އުއްމީދެއް ކަމަށާއި އެހެންވެ އެ ހިދުމަތް ފުޅާކުރެވިއްޖެ ނަމަ ސިންގަޕޫރަށްވުރެވެސް ރަނގަޅު އާމްދަނީއެއް ލިބިދާނެ ކަމަށް ޝަރީފު ދެކިވަޑައިގަންނަވައެވެ. އޭނާ އެހެން ވިދާޅުވީ ޗައިނާ އިން މުދާ ބަރުކޮށްގެން ޔޫރަޕަށްދާ ކޮންޓެއިނަރު ބޯޓަކަށް ސިންގަޕޫރުގައި ބަންކަރިން ހެދުމަށްވުރެ ރާއްޖޭގައި ބަންކަރިން ހެދުން މާބޮޑަށް ފަސޭހަވެފައި، ފައިދާ ބޮޑުވާނެކަން ފާހަގަކުރައްވަމުންނެވެ.
ނަމަވެސް މިކަމުގައި މެރިޓައިމް ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ކެޕްޓަން މުހައްމަދު ނާޒިމްގެ ހިޔާލު ތަފާތެވެ. ބަލްކް ކާގޯ އުފުލާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، ޖަރުމަނުގެ އޮލެންޑޯފް ކެރިއާސްގެ ބޯޓުތަކުގައާއި ކަނޑުދަތުރުފަތުރާ ގުޅޭ ތަފާތު ހިދުމަތްތައް ދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، ނެދަލެންޑްސްގެ ވިލެމްސަން ހޯލްޑިންސްގެ ބޯޓުތަކުގައި މަސައްކަތް ކުރައްވާފައި ހުންނެވި ނާޒިމް ވިދާޅުވި ގޮތުގައި މާކެޓެއް ލިބިދާނެ ކަމަކަށް ނުބެލެވެ އެވެ.
އެއީ ދަތުރެއްގެ މެދުތެރެއިން، އިންޓަމީޑިއޭޓް ޕޯޓަކުން ބަންކާ ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުކުރާ ކަމެކެވެ. އެގޮތުން ފިއުލްގައި މައްސަލައެއް ޖެހިގެން ނުވަތަ އިމަޖެންސީގައި މަޑުކުރަންޖެހޭ އެއްޗެއް ރާއްޖޭގައި ބަންކާ ކޮށްފާނެ ކަމަށާއި ނަމަވެސް ކްރޫ ޗޭންޖުކުރުމާއި ފެން ބޭނުންވެގެން އައުމަކީ ބޯޓު ފަހަރުތަކުން ވަރަށް ނުކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ހިޔާލު ތަފާތުވިޔަސް، ނާޒިމުގެވެސް އުއްމީދަކީ މި ވިޔަފާރި ރަނގަޅުވުމެވެ. އަދި ރާއްޖެ އިން ބަންކަރިން ހިދުމަތް ފެށި ކޮންސެޕްޓާ ބަލާފައި ރާއްޖެ، ބަންކަރިން ޕޮއިންޓެއްގެ ގޮތުގައި ފާހަގަވާން އަދި ހަތަރެއް ނުވަތަ ފަސް ވަރަކަށް އަހަރު ނަގާނެ ކަމަށާއި ހަރަދަށްވުރެ ބޮޑު އާމްދަނީއެއް ލިބެން ދެތިން އަހަރު ނަގާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.
"ބަންކަރިން ޕޮއިންޓެއް މިތަނުގައި އޮތެކޭ ކިޔާފަ ސިންގަޕޫރަށްދާ ބޯޓު ފަހަރު މިތަނަކަށް ނާންނާނެ. އައިޑެންޓިފައި ކޮށްފަ ބޭންދިދާނެ. އެ ސިޗުއޭޝަން އަންނަން ދުވަސްކޮޅެއް ނަގާނެ،" އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ނާޒިމް ވިދާޅުވި އެވެ.
ކޮންމެ ގޮތެއްވިޔަސް، ރާއްޖެއިން މި އެޅީ ތަރައްގީގެ މަގުގައި، ތަރައްގީގެ އުއްމީދުގައި މުހިންމު ފިޔަވަޅެކެވެ. އެތައް ރައީސުންނެއް ކުރައްސަވަމުން ގެންދެވި ޚިޔާލީ ކަރުދާސްތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސައިފި އެވެ. ކުރީގެ ހުރިހާ ވެރީންވެސް މި އިންވެސްޓެންޓްގެ އުއްމީދު ގެންގުޅުއްވީ، ގައުމީ ފައިދާގެ ވާހަކައާ ގުޅުވައިގެންނެވެ. ރައީސް ނާސިރުގެ ވެރިކަމާ ހަމައިން އައި ދިގު އިންތިޒާރެކެވެ. މިއަދު މި އެޅުނީ ތަރައްގީގެ މަގުގައި ބޮޑު ފިޔަފަޅެކެވެ. ދިގު ފިޔަވަޅެކެވެ. ކާމިޔާބުގެ މަގަށް ދަތުރުކުރުމަކީ މުޅި ގައުމުގެވެސް އުއްމީދެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް