އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް) އިން ފޯރުކޮށްދޭ ވޯޓާ ބަންކަރިން ހިދުމަތަށް ބޭނުންވާ ފެން ބާޖު ހއ. ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި ތުރާކުނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ތުރާކުނު ކައުންސިލުގެ އިދާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ތުރާކުނު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލުގެ ރައީސް އަލީ އަބްދުއްލަތީފެވެ.

އެމްޕީއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓާ ބަންކަރިން ހިދުމަތްދިނުމަށް އެމްޕީއެލުން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައި ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖު ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓާ ބަންކަރިން އަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މިހާރުވެސް ގްރީކްގެ 14 ބޯޓު އޮޕަރޭޓުކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއް ނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

ތުރާކުނު ކައުންސިލުގެ ރައީސް އަލީ ވިދާޅުވީ ފެނުގެ ބަންކަރިން އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އުތުރުގައި މެރިޓައިމްގެ ހިދުމަތްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރެއްވިއެވެ.

"މިއީ އުތުރުގައި ފޯރުކޮށްދޭ (މެރިޓައިމް) ހިދުމަތްތަކުގެ ތެރެއިން ކުޑަ ކޮމްޕޯނަންޓަކަށްވިޔަސް، މުހިންމު ބައެއް. އުތުރުގައި މި ހިދުމަތްތައް ދިނުމަށް ސަރުކާރުން އަދި އެމްޕީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން،" އަލީ ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު އަދި މެނޭޖްމަންޓުގެ ޓީމުން ވަނީ މިއަދު ތިލަދުންމަތި ހއ. މޮޅަދޫ ކައުންސިލްއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ ތެރެއިން މޮޅަދޫގައި ކުރިއަށްގެންދެވިދާނެ ޚިދުމަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރުތަކަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް ބޭނުންވާ އޮފީސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ރޭ ވަނީ ހުޅުވައިފައެވެ. އަދި މިއަދު ވަނީ ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ފަށައިފައެވެ.