ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފް ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ ކިންގްސްޓަން އިން ސައިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތް ހެދި ކަމަށް ބުނެ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އާތިފްގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމުން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަމުރު ނެރެދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ސައިކަލު ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ ބައެއްގެ ބަޔާން ނަގާފައިވާ އިރު، ކުރިއަށް އޮތް ހަފުތާއެއް ތެރޭ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިންގްސްޓަން ކުންފުނިން ސައިކަލު ގަތުމަށް ފައިސާ ދެއްކި ބައެއް މީހުން ވަނީ ފައިސާ ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު ވެސް ސައިކަލު ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި ރިފަންޑަށް އެދުމުން ވެސް އެ ފައިސާ އަނބުރާ ދީފައިނުވާތީ މިދިޔަ މަހު ވަނީ ކިންގްސްޓަން އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް އެ ކުންފުނީގެ ހިއްސާދާރު އާތިފް ބުނެފައިވަނީ ސައިކަލު ހަވާލުކުރުމަށް ނުވަތަ ފައިސާ ހަވާލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ކިންގްސްޓަން އޮފީސް މިހާރު ބަންދުކޮށްފައިވާ އިރު، އެތަނަށް ކުލި ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް އެގޭގެ ވެރިފަރާތުން ބުނެފައިވެއެވެ.