ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓްގެ ރޭންކުގައި ހުންނެވި މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ ރޭންކަށް ޕްރޮމޯޓް ކޮށްފިއެވެ.

ދާއޫދު އެ މަގާމަށް ޕްރޮމޯޓުކުރައްވައި އޭނާއާ މަގާމު ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މިހާރު ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދާއޫދުއަކީ ފުލުހުންގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ، ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ދާއޫދު ވަނީ ރޯޑް ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމާއި ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާގެ ތެރެއިން އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. އޭސީޕީއަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރަށް ފަހު ތިންވަނައަށް އެންމެ މަތީ ރޭންކެވެ.