ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އެ ނިންމެވުން ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން އެކްސްގައި އާއްމުކުރި ރައީސްގެ ވީޑިއޯ ކްލިޕެއްގައި އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެ ޕްލޭން އެކުލަވާލަން ނިންމާފައިވާ އިރު، މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކާއި އެކިއެކި ސްޓޭކްހޯލްޑަރުންނާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި އެކްސްޕާޓުންނާ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާ އެކު މި މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ޕްލޭނަކީ ގާނޫނީ ބާރުވެރިކަންވެސް ލިބޭ ގޮތަށް ހަދާ ޕްލޭނެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނެ ކަމަށެވެ.

"ކުރިއަށް އޮތް 20 އަހަރު ގައުމު އޮންނަން އަޅުގަނޑު ބޭނުންވާ ގޮތް އަޅުގަނޑު މިއައީ ހިއްސާކުރަމުން ކެމްޕެއިން ތެރޭގައި. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މިކަންކަން ހާސިލްކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން ހަދަނީ އެންމެންގެ ބައިވެރިވުމާ ވެސް އެކުގައި ކަމަށާއި އެއީ ގައުމުގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ޕްލޭނަށް ބޭރުގެ އެކްސްޕާޓުންގެ އެހީވެސް ހޯދާނެ ކަމަށް ވިދާޅުވިއެވެ.