ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެއެވެ.

އާންމު އުސޫލުގެ ދަށުން ވަޒީރުންގެ ތެރެއިން ސިފައިން ސެކިއުރިޓީ ފޯރުކޮށްދެނީ ޑިފެންސް މިނިސްޓަރަށެވެ.

ހޯމްލޭންޑް މިނިސްޓްރީގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މިނިސްޓަރު އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވެފައިވާ ކަމަށެވެ. މިނިސްޓަރުގެ ސެކިއުރިޓީއާ އެމްއެންޑީއެފް އިން މި ދުވަސްވަކޮޅު ހަވާލުވީ ހެދި "ތްރެޓް އެސެސްމަންޓް" އަކަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާނަކީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރެވެ. އޭނާގެ ބެލުމުގެ ދަށުން ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ވެސް ހިންގަމުން އަންނައިރު މި އިދާރާތަކުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަކުން ގެންދަނީ ރާއްޖޭގެ ބޮޑެތި މައްސަލަތަކަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓް ކުރަމުން އަންނައިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ. އޭގެ އިތުރުން ގޭންގް ކުށްތަކާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށްވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން ދާދި ފަހުން ވަނީ ދައުލަތަށް ދައްކަން ޖެހޭ ބިދޭސީންގެ ފީތައް ނުދައްކައި ވިޔަފާރިކުރަމުންދާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ލިސްޓެއްވެސް އާންމުކޮށްފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއްވެސް އައެވެ.