ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރުގެ މަސައްކަތްތަކަށްފަހު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ނަމަވެސް ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާ އާއެކު މިއަދު މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ދައުރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދި 50 މެންބަރު ސޮއިކޮށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން ހުރިހާ މަސައްކަތެއް މިއަދަށް ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން ޕްރޮސިކިއުޓަރުގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައިން ފާސްކުރުމާއި ކުންފުނީގެ ގާނޫނަށް ސަރުކާރުގެެ ފަރާތުން ހުށަހެޅި ބިލު ފާސްކޮށް ނިންމާފައިވާކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.

އެއަށްފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އޮކްޓޯބަރު ހަތެއްވާ ހޯމަ ދުވަހު މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފެށުމަށް ނިންމާފައިވާކަން ހުރިހާ މެންބަރުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.

މިހާރު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު އަދި މަޖިލީހުގެ މިއަހަރުގެ ދެވަަނަ ދައުރުގައި، ހުށަހެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތާއެކު ޖުމްލަ 82.9 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ އޯގަސްޓް މަހުގެ 23 ގައެވެ.