ބޭރުގެ ގައުމުތަކަށް ދައްކަން ޖެހިފައިވާ ދަރަނިތައް ދެއްކުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، އިންޑިއާއަށް މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ ގާބިލުކަން އެބަހުރިތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު ހީލާ ވަލީދު ވިދާޅުވީ މިހާތަނަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްގެން ދަރަނި ދައްކަމުންދާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެކަން އެގޮތަށް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ދަރަނި ދެއްކުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި. އެނގިވަޑައިގަންވާނެ މި ސަރުކާރު ހަވާލުވި އިރުގައި، ދިވެހިރާއްޖޭގައި މިހާތަނަށް ދަރަނި ނެތް އަދަދަށް އަޅުގަނޑުމެންނަށް މިއޮތީ ދަރަނި ދައްކަން ޖެހިފައި. އެހެންވީމާ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމަކީ ދަރަނި ދެއްކުމުގެ މަސައްކަތް،" ހީނާ ވިދާޅުވިއެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ އަންނަ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެނިހެން ދަރަނިތަކާއެކު، އެ އަހަރު ޖުމުލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމުލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރުމަށްޓަކައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު