ލަންކާއަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން ސަމާލުވުމަށް އަންގައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ލަންކާގައި ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމުން އެ ގައުމުގެ ރައްޔިތުން ލަންކާއަށް ދަތުރުކުރުމުގައި ރައްކާތެރިވެ ތިބުމަށް ގޮވާލާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ރޭވިފައިވާ ލަންކާގެ ރިޔާސީ އިންތިހާބުގެ ސަބަބުން ލަންކާގެ އެކިކަންކޮޅުތަކުގައި މުޒާހަރާކުރުން ފަދަ އެއްވުންތައް ކުރިޔަށް ދާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ވަނީ ލަންކާގައި މީހުން އެއްވާ ސަރަހައްދުތަކަށް އެ ގައުމުގެ އާންމުން ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މުޒާހަރާތަކުގައި ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް އެތަންތަނަށް ނުދިއުމަށް ވަނީ އަންގާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ފަތުރުވެރިން އެއްވާ ތަންތަނަށްވެސް ދިއުމުގައި ސަމާލުވުމަށާއި އޮފިޝަލުންނާއި މީޑިއާއިން ދޭ މައުލޫމާތުތަކަށް ބަލައި ދަތުރުތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ.