އެމެރިކާގެ ކެލިފޯނިއާގައި ބާއްވާ ދުނިޔޭގެ ހަވަނަ ކެރަމް ވޯލްޑް ކަޕްގެ ކުރިން ރާއްޖޭގެ ގައުމީ ޓީމުން ޅ. ހިންނަވަރުގައި ކޭމްޕް ކުރުމަށް ނިންމައިފިއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނީ ހިންނަވަރުގައި އެ ކޭމްޕް ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ފަސް ފިރިހެން ކުޅުންތެރިންނާއި ފަސް އަންހެން ކުޅުންތެރިން އެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވާނެ ކަމަށާއި ކޭމްޕްގެ ތެރެއިން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އަށް ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ކެރަމްގެ އެންމެ މަތީ ފަންތީގެ މުބާރާތް މިއަހަރު އެމެރިކާގެ ކެލިފޯނިއާގައި އޮންނާނީ ނޮވެމްބަރު މަހުގެ 10 އިން 17 އަށެވެ. އެ މުބާރާތުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ބައިވެރިވާނެއެވެ. ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން މިހާރުވެސް މުބާރާތަށް ތައްޔާރުވަމުންދާ އިރު، އެ މުބާރާތަށް ރާއްޖެއިން ވާދަކުރާ ދިހަ ކުޅުންތެރިން ހޮވާފައިވަނީ ސެލެކްޝަންޝަން މެޗުތަކަކަށްފަހުއެވެ.

މިވަގުތު ކެރަމް އެސޯސިއޭޝަންގެ ފަރާތުން ފަންޑިންގެ މަސައްކަތްތައް ކުރަމުންދާ އިރު، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ރައުޝާން އަހުމަދު "ވަން ސްޕޯޓްސް" އަށް މީގެ ކުރިން ވިދާޅުވަނީ ސަރުކާރުން މިވަގުތު ވެސް އެސޯސިއޭޝަނަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ބައްދަލުކުރުމުން، އެސޯސިއޭޝަނަށް ފަންޑިންގެ ކަންތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ރައުޝާން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރައުޝާން ވިދާޅުވެފައިވަނީ އިތުރު ގޮތްގޮތުން ސްޕޮންސާޝިޕް ހޯދުމަށް ވެސް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

  • އިސްމާއީލް އަޒްމީން
  • އިބްރާހީމް ހުޖާން އަލީ
  • ހަސަން ނާޒިމް
  • މުހައްމަދު މުންތަސިރު
  • ހާތިމް ހަލީލް
  • އައިމިނަތު ވިދާދް
  • އައިޝަތު ނަހުފާ
  • އައިޝަތު ފައިނާޒް
  • ފާތިމަތު ރަޔާނާ
  • އައިމިނަތު ޝުބާ އާދަމް

ދާދިފަހުން ކޭމް އިން ވަނީ އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތް ރާއްޖޭގައި ހޯސްޓް ކޮށްފައެވެ. އެ މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ފިރިހެން ޓީމަށް ރިހި މެޑަލް، އަންހެން ޓީމަށް ލޯ މެޑަލް ލިބިފައިވެއެވެ.

ރާއްޖެއަކީ މިވަގުތު ކެރަމްގެ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ގައުމެވެ. އެހެންކަމުން ކެރަމް ވޯލްޑް ކަޕްގައިވެސް ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތެވެ. މިއަހަރުގެ ކެރަމް ވޯލްޑް ކަޕްގެ ތެރެއިން ދުނިޔޭގެ ކެރަމް ފެޑަރޭޝަންގެ ކޮންގްރެސްވެސް ކުރިއަށް ދާނެއެވެ.