އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަށް ދިވެހި ސްކޮޑު އެކުލަވާލުމަށް ބާއްވަމުންދާ ސެލެކްޝަންއިން ދިހަ ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކޮށްފިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާފައިވާ އިރު، މިފަހަރުގެ މުބާރާތް އޮންނާނީ ޑިސެމްބަރު ދެއަކުން ހަޔަަކަށެވެ. މުބާރާތް ބާސެލޯސް ނަަސަންދުރާގައި ބާއްވަން ނިންމާފައިވާ އިރު، ރާއްޖެއިން 10 ކުޅުންތެރިންގެ ސްކޮޑެއް މުބަރާތުގައި ވާދަކުރާނެއެވެ. އެއީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިންނެވެ.

ސެލެކްޝަން މިމަހު އެކަކުން އަށަކަށް ހުޅުމާލޭ ކެރަމް ހޯލްގައި ކުރިއަށް ގެންގޮސްފައިވާ އިރު، ސެލެކްޝަންގެ މެޗުތައް ދިޔައީ ފޯރިގަދަކޮށެވެ. ކޮންމެ ބުރަކުންވެސް އެއް އަންހެން އަދި ފިރިހެން ކުޅުންތެރިޔަކު ކެރަމް ވޯލްޑް ކަޕުގެ ސްކޮޑަށް ކޮލިފައިވެފައިވެއެވެ.

ކެރަމް ވޯލްޑް ކަޕުގެ ސްކޮޑު

  • އިބްރާހީމް ހުޖާން
  • އައިޝަތު ނަހުފާ
  • ހަސަން ނާޒިމް
  • ފާތިމަތު ރަޔާނާ
  • އިސްމާއީލް އަޒްމީން
  • އައިޝަތު ފައިނާޒް
  • އާދަމް އަދީލް
  • އައިމިނަތު ވިދާދު
  • އައިމިނަތު ވިޝާމާ
  • މުހައްމަދު މުންތަސިރު

އެންމެފަހުން މިދިޔަ އަހަރު ކެރަމް ވޯލްޑް ކަޕް ބާއްވާފައި ވަނީ އެމެރިކާގެ ސެން ފްރެންސިސްކޯގައެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ބާއްވާފައި މެދުކެނޑުމަކަށްފަހުއެވެ. މިދިޔަ އަހަރުގެ ކުރިން އެންމެފަހުން ކެރަމް ވޯލްޑް ކަޕް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ބޭއްވީ ދެކުނު ކޮރެެއާގައެވެ.

އެމެރިކާގައި ބޭއްވި، ހަވަނަ ކެރަމް ވޯލްޑް ކަޕުގައި އެންމެ ކާމިޔާބި ޓީމަކީ އިންޑިއާ ނަމަވެސް، އެ މުބާރާތުގައި ރާއްޖެވެސް ވަނީ ވިދާލައިފައެވެ. އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓުންވެސް ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން ދުނިޔޭގެ ކެރަމްގައި ރާއްޖެއަކީ އަބަދުވެސް ފާހަގަކޮށްލެވޭ ގައުމެކެވެ.