ރާއްޖޭގައި ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި އިއްޔެ ކުރިއަށްދިޔަ އަންހެން ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލް މެޗުތަކަށްފަހު ރާއްޖޭގެ އައިޝަތު ނަހުފާއާއި އައިޝަތު ފައިނާޒްގެ ޕެއާ ބްރޯންޒް މެޑަލް މެޗުގައި ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޕެއާ ބަލިވީ އިންޑިއާގެ ހާޒިމާއި މިތުރާގެ ޕެއާ އަތުންނެވެ. އެމެޗުން އިންޑިއާގެ ޕެއާ މޮޅުވީ ސީދާ ދެސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުން އިންޑިއާގެ ޕެއާ 25-09 އިން މޮޅުވި އިރު، ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުގަދަ ކުޅުމަށްފަހު އިންޑިއާގެ ޕެއާ ފަހު ސެޓުން ކުރިހޯދީ 18-13 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އައިމިނަތު ވިދާދާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ކުއާޓަރ ފައިނަލުގައި ނާކާމިޔާބުވީ އެމެރިކާގެ ޕެއާ އަތުން ބަލިވުމުންނެވެ.

މެޗުގެ ފުރަތަމަ ސެޓުން އެމެރިކާގެ ޕްރިތީ ޖަކޯޓިއާއާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ 18-17 އިން ކުރިހޯދާފައިވަނިކޮށް، ރާއްޖޭގެ ވިދާދް އާއި ރަޔާނާގެ ޕެއާ ވަނީ ދެން ޖެހިގެންއައި ސެޓުން 18-17 އިން މޮޅުވެފައެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓުގައި އެމެރިކާގެ ޕެއާ މޮޅުވީ 22-08 އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި އެކި ބައްރުތަކުން 17 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފްއިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.