ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާތަކުގައި ދައުރު ނުކުރުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޖެންޑާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަކުގެ ސަބަބުން، ނުސީދާ ގޮތުން ނަމަވެސް އެ ކުދިންނަކީ ކޮންބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގިގެން ދިއުމަކީ އެ ކުދިންނަށް ނަފުސާނީ ގޮތުން އިތުރު ގެއްލުންތައް ލިބި ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމެއް ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރާއްކާތެރިކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށާއި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިރުކޮށްގެން ނުވާނެއެވެ.
އެކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރު ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އަދި ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމު ނުކުރުމަށް މީޑިއާ މެދުވެރިކޮށް އާންމު ރައްޔިތުންނަށް ބުނެދީ ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު