އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން އޮވެ ޓްރަމްޕަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ފާހަގަވެ ހަމަލާ ދިނުމާ އެކު އެ މީހާ ކާރެއްގައި ފިލައިގެން ދިޔަ ކަމަށެވެ.
ނަމަވެސް މަންޒަރު ދުށް މީހަކު އެ ކާރާއި ނަންބަރު ޕްލޭޓްގެ ފޮޓޯއެއް ނެގުމުން އެ ކާރު ދެނެގަނެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެފްބީއައިއާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން އެ މީހާ އޮތީ ޓްރަމްޕާ 455 މީޓަރާއި 275 މީޓަރާ ދެމެދުގެ ދުރުމިނެއްގައި ކަމަށެވެ. އަދި އޭނާ އޮތް ސަރަހައްދުން އޭކޭ-47 ސްޓައިލްގެ ރައިފަލްއަކާއި ސްކޯޕެއްގެ އިތުރުން ދެ ދަބަހާއި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގައި ޓްރަމްޕަަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޓްރަމްޕް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
މިއީ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ޓްރަމްޕް އަވަހާރަކޮށްލަން ދިން ދެ ވަނަ ހަމަލާ އެވެ. ފުރަތަމަ ހަމަލާ ދިނީ މިދިޔަ ޖުލައި މަހު ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް ބަޑި ޖަހައިގެންނެވެ. ޓްރަމްޕުގެ ބޮލަށް އަމާޒުކުރި އުންޑަ އެ ފަހަރު އަމާޒުވީ ކަންފަތަށެވެ. އެ ހަަމަލާ ދިން މީހާ ވަނީ ހަމަ އެ ވަގުތު ބަޑިޖަހައި މަރާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު