ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށްދާތަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށްދާތަން ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ގުޅިލާމެހިފައިވާއިރު، ރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.