އާސެނަލްގެ ކޯޗު މިކެލް އާޓެޓާ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
އާސެނަލާއެކު އާޓެޓާ ކޮންޓްރެކްޓް އާކުރީ އިތުރު ތިން އަހަރު ދުވަހު އެ ކްލަބުގައި މަޑުކުރާ ގޮތަށެވެ. އެހެންކަމުން ދެން އާސެނަލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ. އޭނާ ކުރިން ހެދި ކޮންޓްރެކްޓް ނިމުމަކަށް އަންނަން އޮތީ މިސީޒަން ނިމުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާ ކޮންޓްރެކްޓުގެ ދަށުން އާޓެޓާއަށް މުސާރައިގެ ގޮތުގައި އަހަރަކު 20 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) ލިބޭނެއެވެ. ކުރިން އޭނާއަށް މުސާރައިގެ ގޮތުގައި އާސެނަލުން ދެމުންދިޔައީ އަހަރަކު ނުވަ މިލިއަން ޕައުންޑް (12 މިލިއަން ޑޮލަރު) އެވެ.
އާޓެޓާގެ މުސާރައިގެ ކުރިއެރުމާއެކު އޭނާއަށް މިހާރު ވަނީ އެންމެ މުސާރަ ބޮޑު ކޯޗުންގެ ލިސްޓުން ވެސް ޖާގަ ލިބިފައެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސާރައާއި އާޓެޓާގެ މުސާރައިގެ ފަރަގު މިހާރު ވަނީ ކުޑަވެފައެވެ. އަދި މިހާރު އާޓެޓާ އަކީ އާސެނަލްގެ ތާރީހުގައި ވެސް އެންމެ މުސާރަ ބޮޑު ކޯޗެވެ.
އާ ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު އާޓެޓާ ބުނީ އިތުރަށް ކްލަބުގައި މަޑުކުރެވޭ ގޮތްވުމުން ފަހުރުވެރިވާ ކަމަށާއި ކުރިއަށްއޮތް ޗެލެންޖަށް ވިސްނާނެ ކަމަށެވެ. އަދި ކްލަބާއެކު އޮތް ގުޅުމާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އާސެނަލާއެކު މަސައްކަތްކުރަން ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. އަހަރެމެންނަށް މިވީ ދުވަސްކޮޅުގެ ތެރޭގައި ލިބުނު ކާމިޔާބީ އިތުރުކުރުމަށް މަސައްކަތްކުރާނަން. ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުޅި ކްލަބާއެކު އެކުގައި މަސައްކަތްކޮށްގެން އަހަރެމެންނަށް ބޮޑު ބަދަލެއް ގެނެވިއްޖެ. އަހަރެމެން ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތްކުރާނީ އެކުގައި ކަންކަން ހާސިލުކުރުމަށް،" އޭނާ ބުންޏެވެ.
އާސެނަލާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޓެޓާ ހަވާލުވި އިރު، އެ ކްލަބު އޮތީ އުނދަގޫ ހާލަތެއްގައެވެ. އާޓެޓާ ހަވާލުވުމަށްފަހު އޭނާ ވަނީ އާސެނަލަކީ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ ކްލަބަކަށް ހަދައިފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 235 މެޗުގެ ތެރެއިން 139 މެޗަކުން އާސެނަލް ވަނީ މޮޅުވެފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ހޯދުމާ ވަރަށް ގާތަށް ޖެހިލައިފައެވެ.
މިކެލް އާޓެޓާ
މިކެލް އާޓެޓާ
މިކެލް އާޓެޓާ
މިކެލް އާޓެޓާ