އިންޑިއާގެ ޗެންނާއިގައި ކުރިއަށްދިޔަ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ރިލޭ ޓީމުން ވެސް ލޯ މެޑަލް ހޯދައިފިއެވެ.
ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި މިއަދު ވާދަކޮށްގެންނެވެ. އެ ރޭހުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާ އަދި ޕާކިސްތާނުން ވަނީ ވާދަކޮށްފައެވެ.
ރާއްޖޭގެ ޓީމުން ތިންވަނައިގައި ނިންމާލީ 41.98 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ރަން މެޑަލް ހޯދި ސްރީލަންކާ އިން 40.28 ސިކުންތުން ރޭސް ނިންމި އިރު، ރިހި މެޑަލް ހޯދި އިންޑިއާ އިން ރޭސް ނިންމާލީ 40.76 ސިކުންތުންނެވެ. އަދި ރާއްޖޭގެ ފަހަތުން ހަތަރުވަނައިގައި ސްރީލަންކާ އިން ރޭސް ނިންމީ 42.96 ސިކުންތުންނެވެ.
ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދާއި ޒުއިޒް މުހައްމަދު ސުއާދާއި އިބްރާހިމް ނާހިލް ނިޒާރު އަދި މުހައްމަދު މިންހާލް ޝާމިން (މިންކޮ) އެވެ.
ރާއްޖޭގެ އަންހެން ޓީމުން ވެސް ލޯ މެޑަލް ހޯދީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުންނެވެ. އެ އިވެންޓުގައި ވާދަކުރީ ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާ އަދި ބަންގުލަދޭޝް އިންނެވެ.
ރާއްޖޭގެ އަންހެން ޓީމުން ތިންވަނައިގައި ނިންމާލީ 48.04 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ރަން މެޑަލް ހޯދި އިންޑިއާ އިން 45.08 ސިކުންތުން ރޭސް ނިންމި އިރު، ރިހި މެޑަލް ހޯދި ސްރީލަންކާ އިން ރޭސް ނިންމާލީ 46.48 ސިކުންތުންނެވެ. އަދި ހަތަރުވަނައިގައި ނިންމާލި ބަންގުލަދޭޝް އިން ރޭސް ފުރިހަމަކުރީ 48.18 ސިކުންތުންނެވެ.
ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އަންހެން ރިލޭ ޓީމުގައި ހިމެނެނީ ހައްވާ މުޒްނާ ފާއިޒާއި ޒިވާ މޫސާ ޝަފީއު އާއި އަހުނާ ނިޒާރު އަދި މަރިޔަމް ރޫޔާ އަލީއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ މެޑަލް ހޯދާފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން 21 ރަން މެޑަލްއާއެކު ޖުމުލަ 48 މެޑަލް ހޯދާފައިވާ އިރު، ދެވަނައަށް އެންމެ ގިނަ މެޑަލް ހޯދީ ނުވަ ރަން މެޑަލްއާއެކު ޖުމުލަ 35 މެޑަލް ހޯދި ލަންކާއެވެ. ބަންގުލަދޭޝް އިން ތިން ލޯ މެޑަލް އަދި ރާއްޖެ އިން ވަނީ ދެ ލޯ މެޑަލް ހޯދިއެވެ. އަދި ނޭޕަލުން ނިންމާލީ އެއް ލޯ މެޑަލްއާއެކުއެވެ.
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް