ގދ. ތިނަދޫގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އަހަރު ތިނަދޫގައި ބޭއްވި އެތުލެޓިކްސް މުބާރާތުގައި ހަތަރު އުމުރުފުރާއަކުން، 106 އިވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ އިވެންޓުތަކުގައި 36 ޓީމަކުން 1000 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ. ފޯރިގަދަކޮށް ކުރިއަށްދިޔަ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ބްލެކް މާލިންގެ އަހުނާ ނިޒާރެވެ.
މުބާރާތުގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ވިސާމަކީ 19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓްވެސް މެއެވެ. އޭނާ ވަނީ މުބާރާތުގައި ޖުމުލަ ތިން ރަން މެޑަލް ހޯދައިފައެވެ. ވިސާމް ރަން މެޑަލް ހޯދީ 800 މީޓަރާއި 1500 މީޓަރާއި 5000 މީޓަރުގެ ދުވުމުގެ އިވެންޓްތަކުންނެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް އަހުނާ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓެވެ. އޭނާވެސް ވަނީ މިފަހަރުގެ މުބާރާތުގައި ތިން މެޑަލް ހޯދައިފައެވެ. އެއީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުންނެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ އައިޝަތު އަދުފާ ރަޝީދެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ނޫހު ވަލީދެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒުއިޒް މުހައްމަދު ސުއާދެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް މަރިޔަން ރޫޔާ އަލީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޮވުނު އިރު، ޖޫނިއާ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޓީމަކަށް އަންހެން އަދި ފިރިހެންވެސް ހޮވުނީ ޏ. އަތޮޅު ތައުލީމީ މަރުކަޒެއެވެ.
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް
ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް