ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ޑައިރެކްޓް އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ދެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ކުރުމަށާއި ދިވެހި ވިޔަފާރިވެރިންނަށް ޗައިނާ އިން މުދާ ގެނައުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން ސޮއިކުރި މުހިންމު އެއްބަސްވުމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެއެވެ.
ޗައިނާ އާއެކު ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސި އިރު، ރާއްޖެއިން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑި އާއެކުވެސް އެފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު