އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ރާއްޖެ ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އިލްމީ ގޮތުން ރާއްޖެ ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިޔުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގެ ދަށުން ތަފާތު ތިން ގްރާންޓެއް ހިމެނޭހެން 9.5 މިލިޔަން ޑޮލަރު ނުވަތަ 146.5 މިލިޔަން ރުފިޔާގެ އެހީ ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ އެހީގެ ދަށުން ސްކޫލުތައް ހެދުމަށާއި، ހުނަރުވެރިން އުފެއްދުމަށާއި މުދައްރިސުން ތަމްރީނުކުރުން ފަދަ ކަންކަމަށް ހަރަދުކުރާނެ ކަމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، ޕްރައިމަރީ ގްރޭޑުތަކުން ފާސްވާ ކުދިންގެ ނިސްބަތްވެސް އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގްރޭޑް ތިނެއްގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 40 ޕަސަންޓަށް ދަށްވެފައިވާ ކަމަށާއި ގްރޭޑް ހައެއްގައި އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ފާސްވާ ނިސްބަތް ހުރީ 50 ޕަސަންޓުން ދަށުގައި ކަމަށެވެ.
"ސެކެންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ހަރަދުކުރެވޭ މިންވަރުވެސް މަދު. ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފަ އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ވުޒާރާއިން މަސައްކަތް ކުރާނެކަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޯލެވެލް އާއި އޭ ލެވެލްއިން ގިނަ ކުދިން ފާސްކުރަން ބޭނުން ނަމަ ޕްރައިމަރީގެ ނަތީޖާ ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމު އާރާސްތު ކުރެވޭނީ ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެންކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި، ދަރިވަރުންގެ އެއްބާރުލުން އިންތިހާއަށް މުހިންމުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު