އާސަންދައިގެ ދަށުން ބެންގަލޫރު އެސްޓާ ސީއެމްއައި އިން ފަރުވާ ހޯދަމުންދިޔަ ބަލި މީހަކަށް އާސަންދަ އެއްކޮށް ކަނޑާލައި އާއިލާއެއް ހާލުގައި ޖައްސައިފި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަ އާސަންދަ ކޮމްޕެނީ ލިމިޓެޑް އިން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މީހަކު ވަނީ، އޭނާގެ މަންމައަށް އިންޑިއާގެ ހޮސްޕިޓަލެއްގައި އާސަންދަ މެދުވެރިކޮށް، ފަރުވާދެމުންދަނިކޮށް، އާސަންދަ އެއްކޮށް ކަނޑާލާފައިވާ ކަމަށާއި 17،000-20،000 ޑޮލަރު މަހެއްގެ މައްޗަށް ބިލަށް އަރާއިރު، އާސަންދައިން އޭގެ އެއްވެސް ބައެއްގައި ހިފަން ބޭނުންނުވި ކަމަށް ބުނެފައެވެ. އަދި އާސަންދަ ދިނުން ހުއްޓާލީ، އެ ފަރުވާއަކީ ރާއްޖެއިން ލިބޭ ފަރުވާއެއް ކަމަށް ބުނެ ކަމަށާއި ނަމަވެސް އެ ފަރުވާ ލިބޭނީ ރާއްޖޭގެ ކޮންތާކުން ކަމެއް ބުނެފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 65 އަހަރުގެ އެ މީހާއަކީ އެއާ އެމްބިއުލާންސް މެދުވެރިކޮށް، ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންދެވިފައިވާ މީހެއް ކަމަށެވެ.

އޭނާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިންކެމިކް އެންސެފަލޯޕެތީއަށް ކަމަށް އާސަންދައިން ބުންޏެވެ. އަދި އިންޓެންސިވް ރިހެބިލިޓޭޝަންއަށް އެޑްމިޓް ކުރުމަށް އެސްޓާ ސީއެމްއައި އިން އާސަންދަ ރިކުއެސްޓް ފޮނުވާފައިވަނީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ކަމަށާއި ބަލި މީހާގެ ހާލަތު އިވެލުއޭޓްކުރުމަށް ފަހު މިދިޔަ މަހުގެ 18 އާ ހަމައަށް ހޭދަވި މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން އެޕްރޫވް ދީފައިވާ ކަމަށެވެ.

އެގޮތުން އެ މުއްދަތުގެ ބިލްތަކަށް އަރާފައިވަނީ 89،339.91 ޑޮލަރު ކަމަށާއި އާސަންދައިގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލި މީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައި ކަމަށް ބުންޏެވެ.

އާސަންދައިން ބުނީ، ބަލި މީހާއަށް އާސަންދަ ދިނުން ހުއްޓާލީ، ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމްގެ ދަށުން ކަވަރު ނުކުރާ ކަމަކަށް ވާތީ ކަމަށެވެ.

"ގާތްގަނޑަކަށް ފަސް މަަސް ދުވަހުގެ މުއްދަތަށް ފަހު، ބަލި މީހާގެ ހާލަތަށް ބަދަލެއް އައިސްފައިނުވާތީ، އިތުރު ސަޕޯޓިވް ކެއާ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރު ސަޕޯޓާއެކު ބަލި މީހާ އަނބުރާ ގެނައުމަށް މިދިޔަ މަހުގެ 14 ގައި އާއިލާއެކު ވާހަކަ ދެކެވުނު. އެއީ، ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމްގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔަދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާގެ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލި މީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭ ގޮތުންވެސް އާއިލާއާ ވަނީ ވާހަކަ ދެކެވިފައި" އާސަންދައިން ބުންޏެވެ.

އާސަންދައިން އިތުރަށް ބުނީ، އެ މީހާގެ ފަރުވާއަށް އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.