ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފުއާ މެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

ދައުރުން ބޭރުން ރޭ ބޭއްވި މަޖިލިސް ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވައިފައެވެ.

އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމު މިދިޔަ މަހު 22 ގައި ހުސްވެފައިވާތީ އެ މަގާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ. ސިޓީގައި ޕީޖީގެ މަގާމަށް ކުރިމަތިލި އެހެން ބޭފުޅުންގެ ނަންތައްވެސް ރައީސް ހިމަނުއްވާފައިވެއެވެ.

އެއަށްފަހު އައްބާސްގެ ނަންފުޅާއި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިއެވެ.

ރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އައްބާސްއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އައްބާސްއާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު މަޖިލީހުން ވަނީ ރޭ ހުޅުވާލައިފައެވެ.

ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި ރައީސް އަބުދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވައިފައެވެ.