އެމެރިކާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ޗެލްސީ، ޕީއެސްޖީ އަދި ޓޮޓެންހަމް ހޮޓްސްޕާއަށް ކުރިން އިރުޝާދުދިން މައުރީސިއޯ ޕޮޗެޓީނޯ ހަމަޖެއްސިކަން ރަސްމީކޮށް އިއުނާންކޮށްފިއެވެ.

އާޖެންޓީނާއަށް އުފަން ކޯޗު، ޕޮޗެޓީނޯ ހަމަޖެއްސުމަށް އެމެރިކާގެ އެފްއޭ އިން ކުރިން ނިންމާފައިވީ ނަމަވެސް، އެކަން އިއުލާންކުރުމަށް މަޑުޖެހުމެއް އައިސްފައިވަނީ އޭނާ ޗެލްސީއާއެކު ނިންމަންޖެހޭ ފައިސާގެ މުއާމަލާތްތަކެއް ހުރުމުންނެވެ. އެކަން ނިމުމާއެކު މިހާރު އެމެރިކާގެ އެފްއޭ އިން ވަނީ ޓީމާ ޕޮޗެޓީނޯ ހަވާލުވިކަން އިއުލާންކޮށްފައެވެ.

އެމެރިކާގެ ޓީމު ޕޮޗެޓީނޯއާ ހަވާލުކޮށްފައި މިވަނީ އެޓީމަށް އިރުޝާދުދެމުންދިޔަ ގްރެގް ބާހޮލްޓާ، މަގާމުން ދުރުކުރުމަށްފަހު އެވެ. ބާހޮލްޓާ މަގާމުން ދުރުކޮށްފައިވަނީ ކޮޕާ އެމެރިކާގައި ނަތީޖާތައް ގޯސްވުމާ ގުޅިގެންނެވެ.

ޓީމާ ހަވާލުވުމަށްފަހު ޕޮޗެޓީނޯ ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ ޓީމާ ހަވާލުވީ ހަމައެކަނި އޭނާގެ އަމިއްލަ ފައިދާއަށް ނޫން ކަމަށާއި އެއީ ޓީމުގެ ކުރިމަގާއި އެ ގައުމަށް ޓަކައި ކަމަށެވެ. އަދި ކޯޗުކަމާ ހަވާލުވާން ނިންމީ، ފުޓުބޯޅައިގައި ކަންކަން ހާސިލުކުރުމަށް އެމެރިކާގެ އަމާޒު ބޮޑުވުމުން ކަމަށް އޭނާ ބުންޏެވެ.

"މި ޓީމަކީ ކަންކަން ހާސިލުކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ގްރޫޕެއް. މި ޓީމުގައި ހުނަރާއި ފެންވަރު އެބަހުރި. އަދި އެކުގައި މަސައްކަތްކޮށްގެން މުޅި ގައުމު ފަހުރުވެރިވާ ފަދަ ނަތީޖާތައް ނެރެވޭނެ. އެމެރިކާގެ ކޯޗުކަމާ ހަވާލުވެވުމުން އެކަމާ ވަރަށް އުފާކުރަން،" އޭނާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ގައުމީ ޓީމާ ޕޮޗެޓީނޯ ގުޅުނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭނާއަށް އެމެރިކާ އިން އަހަރެއްގެ މައްޗަށް ހަ މިލިއަން ޑޮލަރު ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ޗެލްސީގެ މުސާރައަށްވުރެ ދަށް އަދަދެއް ނަމަވެސް، އޭނާ ހިމެނިގެންދާނީ އެމެރިކާ ގައުމީ ޓީމުގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކޯޗުގެ ގޮތުގައެވެ.