ރާއްޖޭގެ މޫސުމާ ބެހޭ އިދާރާތަކުގެ ވިއުގަ އިންޓާނޭޝަނަލް މިންގަނޑަށް އަޕްގްރޭޑުކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީއެއް ޔުނައިޓެޑް ނޭޝަންސް އެންވައިރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން ދީފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ބުނީ އެ ފައިސާ ހަމަޖައްސާފައިވަނީ ޔޫއެންއީޕީ މެދުވެރިވެގެން ސިސްޓަމެޓިކް އޮބަޒްވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) އިން ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާގައި އެންވައިރަމަންޓް މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. ޔޫއެންއީޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާލީ ވޯނިން އެންޑް އެސެސްމަންޓް ޑިވިޝަން ޑައިރެކްޓާ، ޖިއަން ލިޔުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ހަތަރު މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށް ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ ވިއުގަ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ހަތަރު އަހަރުގެ ތެރޭގައި އިންސްޓްރޫމަންޓުތައް ކެލިބަރޭޓު ކުރުމަށް ބޭނުން ބައެއް އާލާތްތައް ހޯދައި، ސަރަހައްދީ ގައުމުތަކުގެ އެހީގައި އެކަމަށް މަގުފަހިކުރެވިގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

  • ރާއްޖޭގައި ގާއިމު ކޮށްފައިވާ މެޓް އޮފީސްތަކުގެ ގެތެރެއިން ހަތަރު މެޓް އޮފީހުގެ (ހަނިމާދޫ، ހުޅުދޫ، މީދޫ އަދި އައްޑޫ) އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑް ކުރުން
  • ނ. މާފަރު އެެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުން
  • އައްޑޫ އަތޮޅުގެ ގަމުގައި ގާއިމް ކޮށްފައިވާ އަޕާ އެއާ (ރޭޑިއޯ ސޮންޑޭ) ސިސްޓަމް މަރާމާތުކުރުން
  • ކުރިއަށް އޮތް ހަތަރު އަހަރު އެ ސިސްޓަމްތައް ރަނގަޅު ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަމްރީނު ޕްރޮގްރާމްތައް ހިންގުން