ދައުވަތު ދީގެން ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް، ރަހީނުކުރުމަށްފަހު ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާއަށް އެހީތެރިވެދިން މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

އެ މައްސަލައިގައި ބަންދު ކުރަން އަމުރުކުރީ، ގއ. ކަނޑުހުޅުދޫ ވިދާތަރި އިކްލީލް އިބްރާހިމްއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާ އިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި އޭނާއަށް ކޮޓަރިއަކަށް ދިއުމަށް އަންހެނަކު ދައުވަތު ދިން ކަމަށެވެ. އަދި މާފަންނު މުރަނގަ މަގުގައި ހުންނަ ގެސްޓް ހައުސްއަކަށް އެ ފިރިހެން މީހާ ދިއުމުން އިތުރު ފިރިހެނަކާ ބައިވެރިވެގެން އެ މީހާ ރަހީނުކުރި ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ ރަހީނުކުރުމަށްފަހު އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ސ. މަރަދޫ/ ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާދީދީ، 27އ. އެވެ. އަދި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ 15 ދުވަސް ޖަހައިފައެވެ.

ފޭރުމުގައި މި އަންހެން މީހާގެ އެހީތެރިޔާގެ ގޮތުގައި، ހައްޔަރު ކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ ވިދާތަރި އިކްލީލް އިބްރާހިމްއެވެ.

އޭނާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓްގައިވާގޮތުން އޭނާ ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ ކަމަށް ތުހުމަހު ކުރެވޭ ފަރާތަކާ އެކު، ހަށި ގަތުމަށް ގުޅައި، އެ ފަރާތް ކޮޓަރިއަކަށް ގެނެސް ބިރު ދެއްކުމަށްފަހު އޭނާއަތުން ފައިސާ ފޭރިގެންފައެވެ. އިންޓަލިޖެންސް ރިޕޯޓު ބުނާގޮތުން، އޮގަސްޓް އިން ސެޕްޓެމްބަރު މަހާ ހަމައަށް އެފަދަ ހަ އިންސިޑެންޓް އޭނާ ވަނީ ހިންގައިވައެވެ.

އޭނާ ބުނާގޮތުން މއ. ފަޒާގައި އޭނާ ދިރިއުޅުނު ނަމަވެސް އެހާދިސާ ހިންގި، އައިޖީއެމްއެޗް ކައިރިން އޭނާ ކުއްޔަށް ނަގާފައިވާ ކޮޓަރިއަކީ، ބްރެއިން ޓިއުމަރެއްގެ މައްސަލައިގައި އައިޖީއެމްއެޗް އަށް ދައްކަންޖެހޭތީ ކުއްޔަށް ނެގި ކޮޓަރިއެކެވެ.

ކޯޓު އަމުރު ބުނާ ގޮތުން ވައްކަން ކުރުމާއި ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އޭނާގެ މައްޗަށް ވަނީ ހެކި ހުށަހަޅައިފައެވެ.

އެގޮތުން ގެސްޓް ހައުސްއަކަށް މީހަކު ވައްދައި އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން އެމީހާއަށް ވަޅިން ބިރު ދައްކައި ބޭންކު އެޕްލިކޭޝަން މެދުވެރިކޮށް ކޭޝްކާޑުން 53،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ފޭރުމާއި ރަހީނުކުރުމާއި މަކަރާއި ހީލަތްހެދުން ފަދަ ރިކޯޑް ހިމެނޭތީ އާއި ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭތީ އާއި ޖަމާއަތް ހަދައިގެން ކުއްކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.