މިއަދު ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ލޯންގް ޖަމްޕް ފައިނަލުގައި ވާދަކޮށް، އައްޑޫ އެތުލެޓިކްސް ޓީމުގެ އައިޝަތު ޝައިމް އަޒީޒް ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

ޝައިމް މިއަދު މުގުރާލި ގައުމީ ރެކޯޑަކީ މީގެ ދެ އަހަރު ކުރިން މަރިޔަމް ރޫޔާ އަލީ ހަދާފައި އޮތް ރެކޯޑެކެވެ. އޭނާ މިއަދު ރެކޯޑު މުގުރާލީ 5.20 މީޓަރު ދުރަށް ފުއްމައިގެންނެވެ. އެ އިވެންޓުގެ ދެވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ ރިފާ މުހައްމަދު 4.88 މީޓަރަށް ފުއްމި އިރު، ތިންވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަންގެ އައިޝަތު ޝަބާ ސަލީމް ވަނީ 4.64 މީޓަރު ދުރަށް ފުއްމައިފައެވެ.

ގައުމީ ގްރޯން ޕްރީ އިވެންޓުގައި ރޫޔާ ލޯންގް ޖަމްޕުން ގައުމީ ރެކޯޑް ހެދީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. ރޫޔާ އެ ފަހަރު މުގުރާލި ރެކޯޑަކީ 2019 ވަނަ އަހަރު ނޫރާ އަބްދުލް ހަމީދު ހަދާފައި އޮތް ރެކޯޑެކެވެ. އޭނާ ރެކޯޑު ހަދާފައި އޮތީ 4.99 މީޓަރު ދުރަށް ފުއްމައިގެންނެވެ.

ޝައިމް ވަނީ މިދިޔަ އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕް އިވެންޓުގައި ވާދަކޮށް، ހައިޖަމްޕްގެ ގައުމީ ރެކޯޑުވެސް މުގުރާލައިފައެވެ. އެއީ 27 އަހަރު ވަންދެން މުގުރާ ނުލެވި އޮތް ރެކޯޑެކެވެ.