ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދެއްކި މީހާގެ ބަންދަށް ކޯޓުން އިތުރު 10 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މއ. ކަނޑޫގެ އަލީ އަހުމަދެވެ. މީގެ ކުރިން އޭނާ ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިފައެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އޭނާ އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމާމެދު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށެވެ.

ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށާއި ހެކިންގެ ބަޔާންތަކާއި އިތުރު ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި މިއީ ސްކޫލެއްގެ ކްލާސްރޫމުތަކަށް ވަދެ ކިޔަވާ ދަރިވަރުގެ ކުރިމަތީގައި ޓީޗަރުންނަށް ބިރު ދެއްކި މައްސަލައެއް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ނަމަވެސް އެކަން ކުރި މީހާ ވަނީ އެކަމަކީ ޖަޒުބާތުގައި އޭނާއަށް ކުރެވުނު ކަމެއް ކަމަށާއި އެ ކުށް ކުރެވުނީތީ މައާފަށް އެދޭ ކަަމަށް ބުނެފައެވެ.

މީނާގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.