މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024ގެ އަންހެން 1500 މީޓަރު ދުވުމުގައި ވާދަކޮށް، އެ އިވެންޓްގެ ރަން މެޑަލްއާ އެކު ދިވެހި ސިފައިން ކްލަބުގެ ފަސޫހާ އަހުމަދު ގައުމީ ރެކޯޑު އާކޮށްފިއެވެ.
މިއަދުވެސް ހެނދުނުން ފެށިގެން މާލޭ ކުޅިވަރު އެކުވެނީގައި އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން 800 މީޓަރު ފައިނަލުގައި ވެސް ފަސޫހާ ވަނީ ރަން މެޑަލް ހޯދައިފައެވެ. އޭނާ އެ އިވެންޓްގެ ރަން މެޑަލް ހޯދީ، ދެ މިނެޓް، 15.96 އިން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ރިހި މެޑަލް ހޯދީ، ދެ މިނެޓް، 30،58 ސިކުންތުން ރޭސް ނިންމި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފު ރަޝީދެވެ. އިވެންޓްގެ ލޯ މެޑަލް ހޯދީ، އައިލެންޑް ރަނާސް މޯލްޑިވްސްގެ ޝަމްހާ އަހުމަދެވެ. އެއީ ދެ މިނެޓާއި 33.27 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ގައުމީ 800 މީޓަރުގެ ރެކޯޑު ވެސް އޮތީ ފަސޫހާ އަތުގައެވެ. ފަސޫހާ މިއަދު ހަވީރު ރެކޯޑު ހެދީ 1500 މީޓަރުގެ އިވެންޓުންނެވެ. މިއަދުގެ ރޭސް ފަސޫހާ ނިންމީ ފަސް މިނެޓް، 03.51 ސިކުންތުންނެވެ. ފަސޫހާ އަތުގައި ކުރިން ރެކޯޑު އޮތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ނެޝަނަލް ގްރޯން ޕްރީގައި ފަސް މިނެޓް، 04.02 އިން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގައެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، ފަސް މިނެޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.
ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިއަދު ކުރިއަށް ދިޔަ އިތުރު ފައިނަލް އިވެންޓްތަކަށް ބަލައިލާ އިރު، އިއްޔެ ފިރިހެން 100 މީޓަރުގެ ރަން މެޑަލް ހޯދި ރައުހަތު ސްޕޯޓްސް، އިބާދުﷲ އާދަމް ވަނީ މިއަދު 200 މީޓަރު ރަން މެޑަލްވެސް ހޯދައިފައެވެ. އެއީ 21.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ރިހި މެޑަލް ހޯދި މުހައްމަދު މިންހާލް ޝާމިން (މިންކޮ) ނިންމީ 22.00 ސިކުންތުންނެވެ. އެ އިވެންޓްގެ ލޯ މެޑަލް ދިވެހި ސިފައިން ކްލަބުގެ އަހުމަދު ނަޖުދާން އަބްދުﷲ ހޯދީ 22.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އިއްޔެ އަންހެން 100 މީޓަރު ރަން މެޑަލް ހޯދި ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރު ވަނީ މިއަދު 200 މީޓަރު އިވެންޓްގެ ރަން މެޑަލް ވެސް ހޯދައިފައެވެ. އެއީ 25.10 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ރިހި މެޑަލް އައްޑޫ އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން ހޯދީ 25.86 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ލޯ މެޑަލް ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒިވާ މޫސާ ޝަފީއުގެ ޓައިމިންއަކީ 26.47 ސިކުންތެވެ.
މިއަދުގެ އިތުރު ނަތީޖާތަކަށް ބަލާއިރު، އަންހެން ޝޮޓް ޕުޓްގެ ރަން މެޑަލް ހޯދީ އައިޝަތު އައިނީ މުހައްމަދެވެ. އަދި އިއްޔެ ވެސް ރަން މެޑަލް ހޯދި، ދިވެހި ސިފައިން ކްލަބުގެ ހުސައިން ފަޒީލް ހާރޫން ވަނީ މިއަދު 800 މީޓަރު ފިރިހެން ދުވުމުގެ ރަން މެޑަލް ހޯދައިފައެވެ. އެއީ ދެ މިނެޓް، 2.32 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ރިހި މެޑަލް ހޯދީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމެވެ. އެ އިވެންޓްގެ ލޯ މެޑަލް ހޯދީ، ދިވެހި ސިފައިން ކްލަބުގެ އަބްދުﷲ އިކްރާމެވެ.
ފިރިހެން ޑިސްކަސް ތުރޯގެ ރަން މެޑަލް ޓްރެކް އެންޑް ފީލްޑްގެ ހެންރީ ސަކާރީ ހިރްވިކްސްކީ ހޯދި އިރު، އަންހެން ޓްރިޕަލް ޖަމްޕްގެ ރަން މެޑަލް ހޯދީ ޓްރެކްޓް އެންޑް ފީލްޑްގެ މަލްޝީ ހަސަރަންގީއެވެ. ފިރިހެން 400 މީޓަރު ރިލޭގެ ރަން މެޑަލް ދިވެހި ސިފައިންގެ ކްލަބުން ހޯދި އިރު، ފިރިހެން 400 މީޓަރު ރިލޭގެ ރަން މެޑަލް ހޯދީ އައްޑޫ އެތުލެޓިކްސްއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް