އިއްޔެ ފެށި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024ގެ ފޯރިގަދަ ފިރިހެން 100 މީޓަރު ފައިނަލުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފަހަތަށް ޖައްސާލައި، ގދ. ތިނަދޫ ރައުހަތު ސްޕޯޓްސްގެ އިބާދުﷲ އާދަމް ރަން މެޑަލް ހޯދައިފިއެވެ.
ފިރިހެން 100 މީޓަރުގެ ފައިނަލް ހީޓްގައި އިބާދުﷲ ރަން މެޑަލް ހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރާއްޖޭގެ 100 މީޓަރު ރެކޯޑު އަދިވެސް އޮތް ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު މިއަދުގެ ހީޓް ދެވަނައިގައި ނިންމީ، 10.67 ސިކުންތުންނެވެ. މިއަދުގެ ރޭސް ތިންވަނައިގައި ނިންމާލީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު މިންހާލް ޝާމިން (މިންކޮ) އެވެ. މިންކޮގެ ޓައިމިންއަކީ 10.74 އެވެ.
ޖެމެއިކާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިބާދުﷲއަށް މިއަދުގެ ރޭސް ހާއްސަވީ، އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ގައުމީ މުބާރާތް އޭނާއަށް ގެއްލިފައި އޮތުމުންނެވެ. އިބާދުﷲ އަށް މިދިޔަ އަހަރު ބޮޑު އަނިޔާއަކާ ކުރިމަތިލާން ޖެހި، އޭނާއަށް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތުވެސް ގެއްލިފައެވެ. އެހެންނަމަވެސް، އަނިޔާއިން ރިކަވާވެ، ރަނގަޅު ޓައިމިންއެއްގައި ކުރިއެރުން ހޯދައި، އިބާދުﷲ ވަނީ މިދިޔަ މަހު ފްރާންސްގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.
ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިތުރު ފައިނަލް އިވެންޓުތައްވެސް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ހެނދުނު ވަނީ ފިރިހެން ހައި ޖަމްޕާއި ފިރިހެން 5000 މީޓަރުގެ ފައިނަލާއި އަންހެން ޖެވެލިން ތުރޯގެ ފައިނަލް އަދި ފިރިހެން ޓްރިޕަލް ޖަމްޕްގެ ފައިނަލް ކުރިއަށް ގެންގޮސްފައެވެ.
ފިރިހެން ހައި ޖަމްޕްގެ ރަން މެޑަލް ހޯދީ ސިފައިން ކްލަބުގެ ސުޒައިނު މުހައްމަދެވެ. ރިހި މެޑަލް ޔޫސުފް ނައިކް ވަޖީހު ހޯދި އިރު، ލޯ މެޑަލް ހޯދީ ދިވެހި ސިފައިން ކްލަބުގެ މުހައްމަދު ޖައިލަމް ވަލީދެވެ.
މިފަހަރުވެސް ފިރިހެން 5000 މީޓަރުގެ ރަން މެޑަލް ސިފައިން ކްލަބުގެ ހުސައިން ފަޒީލް ހާރޫން ހޯދި އިރު، އޭނާގެ ޓައިމިންއަކީ 16 މިނެޓު، 55.19 ސިކުންތެވެ. ސިފައިން ކްލަބުގެ މުހައްމަދު ރަޝީދު ދެވަނަ ހޯދި އިރު، އެ އިވެންޓްގެ ލޯ މެޑަލް ހޯދީ މެރަތަން ރަނާސްގެ މުހައްމަދު އިރުފާނެވެ. އަންހެން ޖެވެލިން ތުރޯގެ ރަން މެޑަލް އަައްޑޫ އެތުލެޓިކްސްގެ އައިޝަތު ޝައިމް އަޒީޒް ހޯދި އިރު، ފިރިހެން ޓްރިޕަލް ޖަމްޕްގެ ރަން މެޑަލް ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ނުޖޫމް ހަސަނެވެ.
ހަވީރު ސެޝަނުގައި އަންހެން 5000 މީޓަރުގެ ފައިނަލްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، އެ އިވެންޓްގެ ރަން މެޑަލް ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްގެ ޝްރެސްތާ ސަންތޯށީއެވެ. އޭނާގެ ޓައިމިންއަކީ 17 މިނެޓް، 50.68 ސިކުންތެވެ. އެ އިވެންޓްގެ ރިހި މެޑަލް ހޯދި ޝަމްހާ އަހުމަދު ރޭސް ނިންމީ 20 މިނެޓާއި 37.95 ސިކުންތުންނެވެ. ލޯ މެޑަލް ހޯދި އެލީޓް ރަނާސް މޯލްޑިވްސްގެ ނިޒްމީނާ އަހުމަދުގެ ޓައިމިންއަކީ 22 މިނެޓާއި 37.29 ސިކުންތެވެ.
އަންހެން 100 މީޓަރު ފައިނަލް ހީޓްވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ އިވެންޓްގެ ރަން މެޑަލް ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރު ހޯދީ، 12،33 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އައިޝަތު ޝަބާ ސަލީމް ހޯދީ 12.40 ސިކުންތުގެ ޓައިމިންއެއްގައި ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ތިންވަނަ ހޯދީ ކުރިން 100 މީޓަރުގެ ގައުމީ ރެކޯޑު އޮތް އައިޝަތު ހިމްނާ ހަސަނެވެ. އައްޑޫ އެތުލެޓިކްސްގެ ހިމްނާގެ ޓައިމިންއަކީ 12.58 ސިކުންތުވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފޯރިގަދަ އިވެންޓްތައް މިއަދުވެސް ކުޅިވަރު އެކުވެނީގައި ކުރިއަށް ދާނެއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް